Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

ނިއުމާތުގެ ދައުރު އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ކޮމިޓީން މިގޮތަށް ފާސްކުރީ ނިއުމާތުގެ ދައުރު ދަންމާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގަތުމާ ގުޅިގެންނެވެ. ރައީސް އެގޮތަށް އެދިވަޑައިގެންނެވީ ނިއުމާތުގެ މަގާމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވާތީ އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ، ނިއުމަތު ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއުކޮށްފަ އެވެ. އެގޮތުން އިންޓަވިއުއިން 75 ޕަސެންޓް މާކްސް އަށް ވުރެ މަތިން މާކްސް ލިބުމާ ގުޅިގެން ނިއުމަތުގެ މަގާމުގެ ދައުރު ފަސް އަހަރު ދުވަހަށް އިތުރުކުރަން ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަން ކުރާ މަގާމެކެވެ.