ސަލްމާން ޚާންގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން" ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ޖޫން މަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އަޕޫރްވާ ލާކިއާ ޖިއޯ ސްޓޫޑިއޯސްއާ ގުޅިގެން ހަދާ ފިލްމު ރިލީޒް ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. ސަބަބަކީ އަންނަ އަހަރުގެ ޖެނުއަރީ އަށް ބޮޑެތި ބައެއް ފިލްމުތައް ތާވަލުކޮށްފައި ހުރުމެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޖެނުއަރީ 26 އަށް ތާވަލުކޮށްފައި އޮތް ސަނީ ޑިއޯލްގެ "ބޯޑާ 2" އެވެ.
ސަލްމާންގެ ފިލްމުތައް އާންމުކޮށް ރިލީޒްކުރަނީ ފިތުރު އީދާ ދިމާކޮށެވެ. ނަމަވެސް އަންނަ އަހަރުގެ ފިތުރު އީދު ބަންދާ ދިމާކޮށް މިހާރު ވެސް ބޮޑު ތިން ފިލްމެއް ގެނެސްދޭން އޮތީ ޕްލޭންކޮށްފަ އެވެ. އެއީ އަޖޭ ދޭވްގަންގެ "ދަމާލް 4" އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ އިތުރުން "ކޭޖީއެފް" ގެ ބަތަލު ޔާޝްގެ "ޓޮކްސިކް" އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ގެނެސްދިން "ސިކަންދަރު" އެވެ.
އޭނަގެ "ބެޓްލް އޮފް ގަލްވާން" އަކީ ސިފައިންގެ މީހެއްގެ ރޯލު ކުޅޭ ފިލްމެކެވެ. މިއީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެވެ.
"ބެޓްލް އޮފް ގަލްވާން" ގެ ބަތަލާ އަކީ ޗިތުރަންގަދާ ސިންގް އެވެ.
މީޑިއާތަކުން ބުނީ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހަކާ މެދު ފިލްމުގެ ޓީމުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ތާރީހު ފައިނަލްވިހާ އަވަހަކަށް އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.