ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، އެ ސަރަހައްދު ހޯދަންވެސް ނޫޅޭ ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާޖަކަތައް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދޮގުކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ، ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅާފައިވާ ސަފީރު ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށެވެ.
އެ ވާހަކަތައް ސާފުކޮށް ދެއްވަމުން ހަލީލް ވިދާޅުވީ، ޔޫރަޕިއަން ޕާލިމެންޓުން ސަފީރާއި ކުރައްވާފައި ވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތް ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ގާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް ސަފީރު ވިދާޅުވި ކަމަށް ހަލީލުގެ ޕޯސްޓުގައިވެ އެވެ.
ހަލީލު ވަނީ ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވި އެވެ. އަދި އެ ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.