ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އަވަހާރަކޮށްލަން ރޭވި ކަމުގެ މައުލޫމާތު ސިފައިންގެ އިންޓަލިޖެންސްއަށް ލިބިގެން އެމަނިކުފާންގެ ސެކިއުރިޓީ ވަރުގަދަ ކުރެއްވި ކަމަށް ނައިބް ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.
ލަންޑަނުގައި ހުންނަވައިގެން "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ އޭނާގެ އަވަހާރަކޮށްލަން މަސައްކަތް ކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ހިލާލީގޭގެ ސެކިއުރިޓީ ވަރރުގަދަ ކުރިކަމަށާއި، އިތުރު ސެކެއުރިޓީން ބޭތިއްބުމަށް އެދުނު ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ ޝަހުމް އާއި ފަރިޔާޝް ޖަލުން ފިލުމާއި ގުޅިގެން، އެމަކިފާނުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިކަމަށެވެ.
ޝަހުމް އާއި ފަރިޔާޒު ޖަލުން ފިލާފައިވަނީ "ބޮޑު މިޝަނެއްގައި" ކަމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން އޭރު ވަނީ ހާމަކޮށްފައެވެ. އަދި ޝަހުމް އާއި ފަރިޔާޝް އަތުލައިގަތުމުގައި ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ފުލުހުންނަށް އޭރު ދިނެވެ.
ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާން "ދުއްވާލާނެ" ކަމުގެ އިންޒާރު މިހާރުގެ ނައިބް ރައީސް އަހްމަދު އަދީބް އެކި ފަހަރު މަތިން އެކި ބޭފުޅުން މެދުވެރިކޮށް ދެއްވާފައިވާ ކަމަށާއި އެގޮތުން އެމަނިކުފާނު ލަންކާގައި ހުންނަވަނިކޮށް ހައްޔަރު ކުރަން އުޅުނު ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
"އަޅުގަނޑު ދުއްވާލާނެ ކަމުގެ އިންޒާރު އޭރު މެދު ނުކެޑި އައީ އަބަދު ލިބެމުން، އޮއިއްޓޭ މެދުވެރިކޮށް ފައިސާވެސް ހުށަހެޅި، އަދި އޭނާ މެދުވެރިކޮށް ޖަލަށްލާނެ ކަމުގެ އިންޒާރުވެސް ދިން" ޑރ. ޖަމީލް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މިފެނިގެން މިދަނީ އަބަދަކު މަކަރާއި، ހީލަތުން، މީހުންނަށް ބިރުދައްކައިގެން ، އިންސާފުން ބޭރުން ނޫޅެވޭނެކަން. ހައްގަށް ނަސްރު ލިބޭނެ ކަން، ހުރިހާ ޖަރީމާއެއް އަބަދަކު ނުހިންގޭނެކަން" ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީން ދަތުރުފުޅު ކުރެއްވި ލޯންޗްގައި އެއްޗެއް ގޮވި ހާދިސާގެ ތަހްގީގަށް ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރު ކުރުމާއި ގުޅިގެން ޖަމީލް ދަނީ ޓްވިޓާ އަދި މީޑިއާގައި ނައިބު ރައީސް އަދީބަށް ބަހުގެ ހަމަލާ ދެއްވަމުންނެވެ.
ޕީޕީއެމްއަށް ރިއާސީ އިންތިހާބް ކާމިޔާބް ކޮށްދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ޑރ. ޖަމީލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް އެމަޤާމުން އެބޭފުޅާ ވަކިކޮށްފައިވަނީ ވެސް އަދީބުގެ ނުފޫޒުން ކަމަށް ސިޔާސީ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.