ޑޮލަރު ލިބުން ދަތިވުމާއި، ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައިވާތީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ބައްދަލުކުރުމުގެ ފުރުސަތަކަށް އިދިކޮޅު އެމްޑީޕީން އެދިއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ގަވަރުނަރު މުނައްވަރަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަހަރު އަމަލުކުރަން ފެށި ނަމަވެސް، އިންސާފުވެރިކަމާއި އިހުލާސްތެރިކަމާ އެކު ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ކަޅުބާޒާރެއް ރަސްމީކޮށް އުފެދިފައިވާ ކަމަށެވެ.
ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އިންސައްތަ ވެސް %60 އިން %90އަށް މިދިޔަ ޖޫންއިން ފެށިގެން ބޮޑުކުރުމާ އެކު ވިޔަފާރިވެރިންނަށް މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރު ލިބުން އިތުރަށް ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އަންނަމުންދާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ޑޮލަރު ލިބުން ދަތިވުމާއެކު ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ ގަވާއިދުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވިދާޅުވި އެވެ.
މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެއް ކަމަށާއި މިކަމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުމާއި، ޑޮލަރު ނުލިބޭތީ ވިޔަފާރިވެރިން މުދާ އެތެރެކުރުން ހުއްޓާލަން ޖެހި، ރާއްޖޭގައި ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އަގުބޮޑުވުން، ލިބުން ދަތިވުން ނުވަތަ ހުސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"ދެންނެވުނު ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްލުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން މަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތެއް ވަރަށް އަވަހަށް ދެއްވާތޯ އެދި ދެންނެވީމެވެ،" އެ ސިޓީގައި ވެ އެވެ.