އިނގިރޭސިވިލާތުގެ ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ، ރައިޓް ޑޭވިޑް ލެމީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި އަދި ހަރުދަނާކުރުމާ ބެހޭގޮތުންނެވެ.
އެގޮތުން މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ. މިނޫންވެސް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގާތް ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށް ދެ ބޭފުޅުން ވެސް ޔަގީންކަން ދެއްވި އެވެ.
ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.