އަސްކޮއި ހައްޖު-އުމްރާ މޯލްޑިވްސް އިން އުމްރާ އަށް ގެންދިއުމަށް ފައިސާ ނެގުމަށް ފަހު އެތައް ބަޔަކަށް އަނެއްކާ ވެސް ލަނޑު ދީފި އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓުތަކެއްގައި ބައެއް މީހުން ވަނީ އަސްކޮއި ހައްޖު-އުމްރާ މޯލްޑިވްސް އިން ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ގްރޫޕްގެ ވެރިން މިވަގުތު ރާއްޖޭގައި ވެސް ނެތް ކަމަށް ޕޯސްޓުތަކުގައިވެ އެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލުކަމަށް މިރޭ އިރާކޮޅުގައިވަނީ އައިސްފަ. މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 16, 2025
މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު މިދިޔަ ރޯދަ މަހު އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ މައްސަލައިގައި އަސްކޮއި ގްރޫޕް މިދިޔަ މެއި މަހު ވަނީ 130،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.
އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑް އެ މީހުންނަށް އަނބުރާ ހަވާލުކުރަން ވެސް އިސްލާމިކް މިނިސްޓްރީން އޭރު އަންގާފައިވެ އެވެ.