މި ސަރުކާރުން ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާ ނުލާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ރާފިއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ އަންނަން އޮތް ޖީލުތަކާއި ރާއްޖޭގެ މުސްތަގުބަލަށް ރިއާޔަތްކޮށް ތަރައްގީ ގެނައުމަށް ކަމަށާއި އަދި ހުރިހާ ރައްޔިތުންގެ ވެސް ކަންބޮޑުވުންތައް އަޑުއަހައި، ސަރުކާރުން ދަނީ ކަންބޮޑުވުންތައް ހައްލު ކުރަމުން ކަމަށެވެ.
"މި ޕާޓީން އިރާދަކުރެއްވިއްޔާ ޕާޓީގެ ވެރިކަން އަޅުގަނޑުމެން ކުރާނީ އެބީދައިން. އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނެތި. އަޅުގަނޑުމެންގެ މަސައްކަތުގައި އަޅުގަނޑުމެން އޮޅުވައެއް ނުލާނެ، ދޮގެއް ނަހަދާނެ،" ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް އައިއިރު ކުޅިވަރުގެ 50 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް ނިންމައި ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރު ވެގެންދާނީ ސްޕޯޓްސް މިނިސްޓްރީން އެންމެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންގޮސް އެ މަޝްރޫއުތައް ނިންމާނެ އަހަރަށް ކަމަށްވެސް ރާފިއު ވިދާޅުވި އެވެ.
މީގެއިތުރުން ހަމަޖެހޭ އަމާން ދިރިއުޅުމަކަށް ދިވެހިން އެދޭ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެކަން ހާސިލު ކުރުން ކަމަށް ރާފިއު ވިދާޅުވި އެވެ. އަދި ސިޔާސީ ވިސްނުމުގެ ސަބަބުން ރާއްޖޭގެ މުޖްތަމައުގެ ތެރޭގައި އޮތް ތަފާތު ކުރުން ނައްތާލައި ސަރުކާރުން ހުރިހާ ރައްޔިތުންނާއި މެދު ވެސް ގެންގުޅޭނީ ހަމަހަމަ އުސޫލެއް ކަމަށް ރާފިއު ވިދާޅުވި އެވެ.