Last Updated: July 17, 23:49
Thursday, July 17, 2025
ޚަބަރު

އެމްޑީޕީން އަޅަން އުޅުނު ޓާމިނަލް ވުޖޫދަކު ނެތް

އެމްޑީޕީގެ ވެރިކަމުގައި ތަރައްގީކުރަން މަސައްކަތްކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިހާރު ވުޖޫދުގައި ނެތް ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން މަތީން ވިދާޅުވީ އިދިކޮޅުން ވީއައިއޭގައި ޓާމިނަލެއް އަޅަން ފެށީ އިރުމަތީ ފަރާތުގައި ކަމަށާއި ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް މިހާރު ޓާމިނަލް ތަރައްގީ ކުރީ ހުޅަނގު ފަރާތުގައި ކަމަށެވެ.

"އެހެންވީމާ އެބޭފުޅުން އަޅުއްވަން މަސައްކަތްކުރެއްވި ޓާމިނަލް މިހާރު ވުޖޫދަކު ނެތް. އެއަކު ޕަސަންޓޭޖެއް ކިޔުއްވާނެ ކަމެއް ނެތް. އޭގެ މިލްކުވެރިކަމަށް ދައުވާކުރާނެ ޖާގައެއް އެބޭފުޅުންނަކަށް ނެތް،" މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ބޭނުންވީ ބޭރު ބަޔަކަށް ދީގެން އެއާޕޯޓު ހިންގުމަށް ކަމަށާއި އެއާޕޯޓުގައި ދެވަނަ ރަންވޭއެއް އެޅުމުގެ ވިސްނުމެއް ވެސް ގެންގުޅެފައިނުވާ ކަމަށެވެ. އަދި ދެވަނަ ރަންވޭއެއް ވެސް އަޅާފައިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި ކުރަން އުޅުނު ކަންކަން އެމްޑީޕީން ހަނދާން އާކޮށްލަންޖެހޭ ކަމަށްވެސް މަތީން ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޓާމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.