Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ގޫގުލް އެކައުންޓްތައް ހެކްކުރަނީ، ސަމާލުވޭ!

ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުން އެދިއްކެ އެވެ.

އެ ސެންޓަރުން ބުނީ "ގެދޮރުވެރިޔާ" ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނާ ކަމަށާއި ލޮގިންކޮށްފި ނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށެވެ.

އެހެންވެ މިމިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ތޫ ފެކްޓަ އޮތެންތިކޭޝަން ހެއްދެވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

"ގެދޮރުވެރިޔާ" ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަ ކްރައިމް ސެންޓަރުގެ ނަންބަރު 911 ގުޅައި ރިޕޯޓް ކުރުމަށް ވެސް އެދިފައިވެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ސްކޭމްގެ މިފަދަ މައްސަލަތައް ވަރަށް ބޮޑަށް އާންމުވެ، އެތައް ބަޔަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބެމުންނެވެ. އެހެންވެ ފުލުހުން އަންނަނީ ސްކޭމްތަކަށް ސަމާލުވާން ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.