ދީނީ ޢިލްމުވެރިންނަކީ ﷲގެ ދީނުގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކެވެ. އެބައިމީހުންނަކީ ދީން އުނގެނި އެހެން މީސްތަކުންނަށް ޙައްޤު މަގު ބަޔާންކޮށްދޭ މީހުންނެވެ. އެބައިމީހުންނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ގޮތް ދަސްކޮށްދެއްވާ މުދައްރިސުންނެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަފުސުތަކާ އެއްވަރަށް އެހެންމީހުންގެ ނަފުސުތައްވެސް އިޞްލާޙުކުރުމަށް މަސައްކަތްކުރައްވާ އެދުރުންނެވެ.
ޢިލްމުވެރިންނަކީ ވެސް އިންސާނުންނެވެ. އެހެން ކަމުން އެބޭފުޅުންގެ ވެސް އުނިކަންތައް ތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ އެބޭފުޅުން ދެއްވާ ދަރުސްތައް ދޮގު ކުރުމަށް އަޅުގަނޑުމެންނަށް އޮތް ޙުއްޖަތެއް ވެސް ނޫނެވެ. ސަބަބަކީ އެބޭފުޅުން ދޭ ނަސޭޙަތުގައި ދަލީލެއްގެ ގޮތުގައި ގެނެސް ދެއްވަނީ، ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅު ތަކާއި، ރަސޫލާގެ ޙަދީޘް ބަސްފުޅުތަކަށް ވީމައެވެ.
ފަހުގެ ތާރީޚްގައި ރާއްޖެ ދުށް އެންމެ ކުޅަދާނަ 2 ޢިލްމުވެރިންނަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި އަލްމަރްޙޫމް ޑރ. އަފްރާޝީމް އަލީއެވެ.
އަލްމަރްޙޫމް ޑރ.އަފްރާޝީމް އަލީ
ޑރ.އަފްރާޝީމް އަލީ ދެނެވަޑައިގަންނަވާ ބޭފުޅުން ސިފަކުރައްވާ ގޮތުގައި، އެބޭފުޅާ އަކީ އިލްމު އުނގެނުމުގެ މުޖާހިދެކެވެ. ތައުލީމް ހޯއްދެވުމަށްޓަކައި އޭނާ ކުރެއްވި ބުރަ މަސައްކަތަކީ މިއަދު ރާއްޖޭގެ ކޮންމެ ދަރިއަކު ވެސް މިސާލަކަށް ފުދޭނެ ފަދަ މަސައްކަތްތަކެވެ. ޑރ. އަފްރާޝީމް ޕީއެޗު.ޑީއާ ހަމައަށް ކިޔަވާ ވިދާޅުވެގެން ދީނީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖެ އަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު އެންމެ ރަގަޅަށް ވަޒަން ކުރާނެ އެއްބަޔަކީ ޝަރިއްޔާގެ ރޮނގުން މަތީ ތައުލީމް ޙާސިލް ކުރަމުން ގެންދާ ދަރިވަރުން ކަން ޔަޤީނެވެ.
" ޑރ. އަފްރާޝީމް ވަކިވެދިޔުމުން ގެއްލިގެން ދިޔައީ ރާއްޖެ އަށް ލިބުނު އަގުނުކުރެވޭ ފަދަ އިލްމީ ޚަޒާނާއެއް. އަސްލު އެބޭފުޅާ ހުންނެވި ނަމަ ވަރަށް ފަސޭހަ ވާނެ މިހާރުގެ ކިޔަވާ ކުދިންނަށް" ކުއްލިއްޔާގައި ޤާނޫނީ ރޮނގުން ތައުލީމް ހާސިލްކުރަމުން ގެންދާ ދަރިވަރަކު ބުންޏެވެ.
ޑރ. އަފްރާޝީމާ ދެކޮޅަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔުމުން އެ މީހުންގެ ފާޑުކިޔުންތަކާ އެކު ވެސް، ބައެއް ކަންކަމުގައި ދީނީ ނަޒަރުން ބަހުސްކުރައްވާ، އާންމުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި ދެމިހުންނެވިއެވެ.އެމަނިކުފާނު އަވަހާރަކޮށްލާފައި ވަނީ ވެސް ދީނީ މައުލޫމާތު ފޯރުކޮށްދޭ ޕްރޮގްރާމެއްގައި ވާހަކަ ދެއްކެވުމަށް ފަހު އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައެވެ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އަޅުގަނޑުމެން ދިވެހި މުޖްތަމަޢުގެ ގިނަ ބަޔަކަށް އެބޭފުޅާ ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރެވިފައެއް ނުވެއެވެ. އޭރު ޒާތީގޮތުން އެބޭފުޅާ އާއި ދިމާކުރި އެތައް ބަޔަކު މިއަދު ގެންދަނީ އެބޭފުޅާ ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް އެވާހަކަ ދައްކަމުންނެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެފައިވާ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދެކޮޅު ހަދާ ބަޔަކު ވެސް އުޅޭ ކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަދި ހަމަ އެހެންމެ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވުމުގައި އިސްކޮށް ތިބި މީހުން ހޯދުމަށް ކުރި މަސައްކަތް މަޑުޖެހިފައިވުމުން އެކަން ވެސް ބައެއް ރައްޔިތުންނަށް މާބޮޑު ކަމަކަށް ނުވެއެވެ. ހުރިހާ ކަމެއް ވަނީ ސިޔާސީ ވެފައެވެ. ކަމުގެ އަޑީގައި ތިބި މީހުން ހޯދަން ކުރަންޖެހޭ ތަހުގީގް ލަސްވުމަކީ، ހުމާމްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުން ލަސްކުރަންޖެހޭނެ ސަބަބެއް ވެސް ނޫނެވެ.
ޝެއިޚް އިމްރާން އަބްދުﷲ
\ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުން ފެނުނު އެންމެ ވަރުގަދަ ޝަޚްސިއްޔަތަކަށް ވެގެންދާނީ ހަމަގައިމުވެސް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲއެވެ. އަދާލަތު ޕާޓީގެ ރައީސްކަމަށް ވަޑައިގެންނެވި ހިސާބުން ގިނަބަޔަކަށް އެނގިގެންދިޔަ ޝެއިޚް އިމްރާން އަބްދުﷲގެ ތަޢުލީމީ ފެންވަރަށް ބަލާއިރު އެބޭފުޅާ އިސްލާމީ ޝަރީޢާގެ ރަނގުން ބެޗެލާސް ޑިގްރީ ޙާސިލްކޮށްފައިވަނީ މަދީނާގައެވެ. އެއަށްފަހު ކޮމްޕެރިޓިވް ލޯގެ ރޮނގުން މެލޭޝިއާގައި މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވިއެވެ.ޝެއިޚް އިމްރާންގެ ތަޢުލީމީ ފެންވަރެއް ނެތޭ ކިޔައި އަޑުގަދަ ކުރަމުން ގެންދާ ފަރާތްތަކުން އެފަދަ ވާހަކަތައް ދެއްކުމުގެ ކުރިން އެބޭފުޅާގެ ތަޢުލީމީ ފެންވަރު އޮޅުންފިލުވާ ނުލާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
ޝެއިޚް އިމްރާނަކީ ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން ގޮވައިގެން އެކުގައި މަސައްކަތް ކުރެއްވުމުގައި ރާއްޖޭގައި ހުރި އެންމެ ޤާބިލް ސިޔާސީ ލީޑަރު ކަން އެމަނިކުފާނު ވަނީ ސާބިތުކޮށްދެއްވާފައެވެ. ސިޔާސީ ގޮތުން ނިންމަވާ ކޮންމެ ނިންމުމެއް ނިންމާފައިވަނީ އަމިއްލަ މަސްލަހަތަށްވުރެން ދީނާއި ގައުމުގެ މަސްލަހަތު އިސްކުރައްވައިގެންނެވެ. ޝެއިޚް އިމްރާން އަބްދުﷲ އަކީ މިހާތަނަށް ދިވެހިރާއްޖޭގައި ދިމާވީ ދީނީ އަދި ގައުމީ ކޮންމެ ގޮންޖެހުމަކާއި، ކެރިވަޑައިގެން ކުރިމަތިލެއްވި ހިތްވަރުގަދަ ލީޑަރެކެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި އުޅުއްވާ ބައެއް ފަރާތްތަކުން ޝެއިޚް އިމްރާން އަކީ ޤާސިމް އިބްރާހިމް ފަންޑު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އެހެން ނަމަވެސް އެބޭފުޅާގެ ޢަމަލާއި ބަހުން އެގެންދަވަނީ އެއީ ދޮގެއްކަން ސާބިތުކޮށްދެއްވަމުންނެވެ. ސަރުކާރުގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާއި ހުރެ ޤާސިމް އިބްރާހިމް ފަހަތަށް ޖެހިވަޑައގެންނެވި ނަމަވެސް ޝެއިޚް އިމްރާން ހުންނެވީ ސާބިތުކަމާއި އެކު ރައްޔިތުންގެ ޙައްޤުގައެވެ. ޖީއެމްއާރް މައްސަލައިގައި ވެސް ސިޔާސީ އެތައް ބަޔަކު ރިޝްވަތު ނަންގަވައިގެން ޖީއެމްއާރާއި ދެކޮޅަށް އަޑުއުފުލުން ހުއްޓާލި އިރުވެސް ޝެއިޚް އިމްރާން ހުންނެވީ ސާބިތުކަމާއި އެކުގައެވެ.
" ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ އާދައިގެ ދިރިއުޅުއްވުމެއް އުޅުއްވާ ބޭފުޅަކީ އިމްރާން. ލާރި ނަންގަވައޭ ވާހަކަ ދެއްކީ އެމްޑީޕީ އިން، މިއަދު އެވާހަކަ ނުދައްކާ. އެހެންވީމާ އެބަ އެނގޭ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ދެއްކެވީ" އަދާލަތު ޕާޓީގެ އޮފިޝަލަކު ބުންޏެވެ.
ޝެއިޚް އިމްރާން އަކީ ކަޅު ފައިސާގެ ކުރިމަތީގައި ނޫނެކޭ ވިދާޅުވާން ކެރިވަޑައިގަންނަވާ ބޭފުޅެއްކަން އެބޭފުޅާ މިވަނީ ސާބިތުކޮށްދީފައެވެ. ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ކޮންކްރީޓް ގަނޑެއްގެ މަތީގައި ނިދިކުރައްވަން ޖެހިވަޑައިގަތަސް އަދިވެސް ޝެއިޚް އިމްރާން އަބްދުﷲ ހުންނެވީ ރައްޔިތުންގެ ޙައްޤުގައި އެންމެ ސެންޓި މީޓަރަކަށް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވަން އަޒުމް ކަނޑައަޅައިގެންނެވެ.
އަލްމަރްޙޫމް ޑރ.އަފްރާޝީމް ޢަލީ އާއި ޝެއިޚް އިމްރާން އަބްދުﷲ ވެގެންދާނީ ހަމަގައިމުވެސް ރާއްޖޭގެ އެންމެ ނުފޫޒުގަދަ ދެ ޢިލްމުވެރިންގެ ތެރޭގައެވެ. އަފްރާޝީމް އަލީގެ ހަޔާތްޕުޅުގައި އެމަނިކުފާނަށް ސިޔާސީ ބޭފުޅުންގެ ފަރާތުންނާއި ޚިޔާލު ތަފާތުވި ބޭފުޅުންގެ ފަރާތުން ކުރިމަތިވި ދުއްތުރާ ތަކާއި ލިބެމުން ދިޔަ އަނިޔާތަކަށް ދިވެހި ޤައުމުގެ ރައްޔިތުންނަށް ހޭލެވުނީ ޜަޙުމު ކުޑަގޮތެއްގައި އެބޭފުޅާގެ ފުރާނަ ދުއްވާލި ހިސާބުންނެވެ.އޭގެ ކުރިން އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިން އެއްވެސް މީހަކަށް އަފްރާޝީމަށް ކޮންމެ ދުވަހަކު ހެން ކުރަމުންދިޔަ ގޯނާތައް އެއީ މައްސަލައަކަށް ނުވެއެވެ.
ޝެއިޚް އިމްރާން އަބްދުﷲ އާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެފައިވާތީ ސަރުކާރުގެ ފަރާތުން އެ ގެންދަނީ ތަފާތު އެކި ގޯނާތައް ކުރަމުންނެވެ. އެއީ މައްސަލައަކަށްވާ ދިވެހި ދަރިޔަކު ނެތެވެ. އިއްތިފާޤަކުން ނަމަވެސް ޝެއިޚް އިމްރާން އަބްދުﷲ ޖަލަށް ލެވިފައިވަނީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރޭވީ ކޮންބައެއްކަން އެނގެން ޖެހޭނެ ކަމަށް ވާހަކަ ދައްކަވަން ފެއްޓެވި ހިސާބުންނެވެ.
އެމްޑީޕީގެ މީހުންނަށް ޝެއިޚް އިމްރާން ގޯސްވީ އެޕާޓީގެ ވެރިކަމުގައި ކުރި ގޯސް ކަންތައްތަކުގެ ވާހަކަ ދެއްކުމުންނެވެ. އެހެން ނަމަވެސް އެ ޕާޓީގެ ލީޑަރަށް ނުހައްޤުން އަނިޔާނުކުރުމަށް ގޮވާލުމުން މިހާރު އެއީ ބަތަލެކެވެ. އެއީ ހީރޯ އެކެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމް އަށް ޝެއިޚް އިމްރާން ވަރެއް ނެތެވެ. އެހެން ނަމަވެސް މިހާރު އެކަން ވަނީ ބަދަލުވެފައެވެ.
ރޯމާ ދުވާލު މަގުމަތީގައި ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކުށްވެރިންގެ ހިމާޔަތުގައި އިންސާނީ ހައްޤުތަކޭ ކިޔާފައި އެއްބަޔަކު ހަޅޭއްލަވަމުން ދުވަނީއެވެ. އެހެން ނަމަވެސް، ޤައުމުގައި ތިބި ޢިލްމުވެރިންނަށް ނުހައްޤުން އަނިޔާދެމުން ގެންދާއިރު އެކަމުގެ ވާހަކަ ދައްކަން ގިނަ ބަޔަކު ފަސްޖެހިފައިވުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.