މިހާތަނަށް އަދި އެކީގައި އެއްވެސް ފިލްމެއް ކުޅެފައި ނުވާ އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ އިމްރާން ހާޝިމީ އާއި ޖެނީލިއާ ޑި ސޫޒާ އެކީގައި ކުޅޭ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކުރި ނަމަވެސް ވިއްސާރައާ ހެދި މިހާރު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައ ޝޫޓިން ފަށަން ނިންމާފައިވާ މި ފިލްމުގެ ނަމަކީ "ގަންމާސްޓާ ޖީ9" އެވެ. ރިޝިކޭޝް އާއި އުތުރާކަންދުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މި ރޮމޭންޓިކް ތުރިލާ އަކީ ދީޕަކް މުކުތު ޕްރޮޑިއުސްކޮށް، އަދިތިޔާ ދަތު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
އަދިތިޔާ އަކީ އިމްރާނާ އެކު 2005 ގެ "އާޝިގް ބަނާޔާ އާޕްނޭ" އާއި 2006 ގެ "ދިލް ދިޔާ ހޭ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ވިދުޔަތު ޖަމްވަމްއާ އެކު ގެނެސްދިން އެކްޝަން ސްޕޯޓްސް ފިލްމު "ކްރެކް" އެވެ.
އިމްރާނާއި ޖެނީލިއާގެ ޖޯޑު އެކީގައި އަލަށް ބޮޑު ސްކްރީނަށް ގެންނަން ނިންމާފައިވާ އިރު، އެކްޓަރު ރިތޭޝް ދޭޝްމުކްއާ ކައިވެނިކޮށް ދެ ދަރިން ވެސް ތިބި ޖެނީލިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އާމިރު ޚާންގެ "ސިތާރޭ ޒަމީން ޕަރް" އެވެ.
"މާޑާ" އާއި "ޖަންނަތު" އަދި "ގޭންގްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އިމްރާންގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި "ގްރައުންޑް ޒީރޯ" އެވެ.
"ގަންމާސްޓާ ޖީ9" އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. މި ފިލްމުގެ ރޯލަކުން އަޔޫޝްމަން ކްރާނާގެ ކޮއްކޮ އަޕަރްޝަކްތީ ކްރާނާ ވެސް ފެންނާނެ އެވެ.