މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ހުޅުމާލޭގައި ފަށައިފި އެވެ.
ފުލުހުން ބުނީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގެ ދަށުން އިއްޔެ ހުޅުމާލެ ފޭސް 1 ގައި ހަރަކާތްތަކެއް ހިންގުމަށް ފަހި މިއަދު ފޭސް 2 ގައި ވެސް ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.
ހުޅުމާލެ އަވައްޓެރި ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާ އިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށް ދެމުން ދާނެ އެވެ.
އަދި އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާ އާއި އަނެކުންގެ ސަލާމަތަށް ބަލައިގެން ވެހިކަލްތައް ދުއްވުމަށް ބާރު އަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށް ދެމުން ދާނެ އެވެ.
މީގެ އިތުރުން، ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށް ދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވެސް މައުލޫމާތު ހިއްސާ ކުރަމުން ދާނެ އެވެ.
ހުޅުމާލެ އަކީ މި ފަހުން ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގަމުންދާ ތަނެކެވެ. އެގޮތުން ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.