Last Updated: July 19, 11:02
Saturday, July 19, 2025
ޚަބަރު

ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ފުލުފުލުގައި ކުރިއަށް ގެންދާނެ

ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރަން ކުރިއަށް ގެންދާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ފުލުފުލުގައި ކުރިއަށް ގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މީގެ ފުރަތަމަ ބުރަށް ބައިވެރިވިން ހޮވުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ، އެކަން ކުރިއަށް ދަނީ މާލެ އާއި އައްޑު އާއޮ ކުޅުދުއްފުއްޓާއި އދ. މަހިބަދޫގެ އިތުރުން ލ. ގަމުގަ އެވެ.

ޑިފެންސުން ބުނީ ފުރަތަމަ ބުރަަށް ޖުމްލަ 350 ބައިވެރިން ނަގާނެ ކަމަށާއި ފުރަތަމަ ބުރު ނިމޭ އިރަށް ލަސްތަކެއް ނުވެ ދެވަނަ ބުރުގެ ތަމްރީނު ވެސް ފަށާނެ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި ވަޠަނީ ޚިދުމަތަށް މިހާރު ކުރިމަތިލާފައިވާ ޒުވާނުން ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓް ތަރުތީބު ކުރުމަށް ފަހު، އެ ތަރުތީބަށް ބަލައިގެންނެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލާން އެޕްރީލް މަހުގެ ތެރޭގައި ހުޅުވައިލުމުން 1،244 ޒުވާނުން ކުރިމަތިލާފައިވެ އެވެ.

މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށަން ނިންމި ޕްރޮގްރާމެކެވެ.