ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުި ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންނެވި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު
ކަރީމްބެ އަވަހާރަވުމުގެ ހިތާމައިގައި ރައީސް އިނގިރޭސިލާތުގައު ހުންނަވައިގެން އާއިލާ އަށް ތައުޒިޔާ ވިދާޅުވެ އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ގެއްލިގެން ދިޔައީ، އެ ދާއިރާއަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު، އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ.
ކަރީމްގެ އަވަހާރަވީ އުމުރުން 80 އަހަރުގައި އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ އަސްރު ނަމާދަށް ފަހު އާ ސަހަރާގަ އެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
47 އަހަރަށް ވުރެ ދިގު މުއްދަތަކު ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިޔާ، ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުގެ ހިތާމައިގާ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ.… pic.twitter.com/x1IU0TdHxY
— Dr Mohamed Muizzu (@MMuizzu) July 17, 2025
ކަރީމްބެ 47 އަހަރު ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖޫން 18، 1961 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ، ޞިއްޙަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ (ލޭ ނެގުމާ ބެހޭ) ވަޒީފާ އެވެ. އޭގެ ފަހުން ޖުލައި 16، 2009 ގައި އުމުރުން 65 އަހަރުވެގެން ރިޓަޔަ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ ޞިއްޙީ ދާއިރާގަ އެވެ.
ކަރީމްބެ ރިޓަޔަކުރެއްވި ހުންނެވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނަ އަށް ދިވެހި ދައުލަތަށް ދިގު މުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމު ވެސް 2023 ގައި ލިބިވަޑައިގެންފައިވެ އެވެ،