ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަޔަމް ގޯޒްލިން އާއި ވިލް ފެރެލް އެކީގައި އެކްޝަން ކޮމެޑީއެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ދެ ތަރިން ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ 2022 ގެ ކްރިސްމަސް މިއުޒިކަލް ކޮމެޑީ "ސްޕިރިޓެޑް" އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނީ ރަޔަން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އާ ފިލްމުގެ ނަމަކީ "ޓަފް ގާއިސް" ކަމަށެވެ. މިއީ ނެޓްފްލިކްސްގެ ސީރީޒް "ވާކިން މޮމްސް" ސްކްރީން ރައިޓަރު ޑެނިއަލް ގޯލްޑްގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ ފިލްމެކެވެ.
ނަމަވެސް "ޓަފް ގާއިސް" ޑައިރެކްޓް ކުރާނީ ކާކު ކަމެެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި މިއާ ބެހޭ އެއްވެސް ތަފުސީލެއް ވެސް ލިބިފައެއް ނުވެ އެވެ.
އުމުރުން މިހާރު 44 އަހަރުގެ ރަޔަން އަކީ "ބާބީ" އާއި "ލާ ލާ ލޭންޑް" އަދި "ދަ ނޯޓްބުކް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެކްޝަން ކޮމެޑީ "ދަ ފޯލް ގާއި" އެވެ. ރަޔަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރޮޖެކްޓް ހެއިލް މޭރީ" ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ފެރެލް، 58، ގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ޔޫ އާ ކޯޑިއަލީ އިންވައިޓެޑް" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ޖަޖްމަންޓް ޑޭ" އެވެ.