Last Updated: July 19, 11:02
Saturday, July 19, 2025
ޚަބަރު

އަސްކޮއި އިން ލަނޑުދިން އިތުރު މީހުން ފުލުހުން ހޯދަނީ

އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު އިތުރު ބަޔަކަށް ލަނޑުދީފައިވާނަމަ އެކަން ރިޕޯޓުކުރަން ފުލުހުން އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓުތަކެއްގައި ބައެއް މީހުން ވަނީ އަސްކޮއި ހައްޖު-އުމްރާ މޯލްޑިވްސް އިން ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ގްރޫޕްގެ ވެރިން މިވަގުތު ރާއްޖޭގައި ވެސް ނެތް ކަމަށް ޕޯސްޓުތަކުގައިވެ އެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ބަލަމުންދާ ކަމަށެވެ. އަދި އެ ގުރޫޕްގެ ފަރާތުން އެފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުމަށް ނުވަތަ ހާޒިރުވެ އެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު މިދިޔަ ރޯދަ މަހު އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ މައްސަލައިގައި އަސްކޮއި ގްރޫޕް މިދިޔަ މެއި މަހު ވަނީ 130،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑް އެ މީހުންނަށް އަނބުރާ ހަވާލުކުރަން ވެސް އިސްލާމިކް މިނިސްޓްރީން އޭރު އަންގާފައިވެ އެވެ.