ތިލަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރު ކުރާ އެއްބަސްވުން ސަރުކާރުން ބާތިލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ދޮގުކުރައްވައިފި އެވެ.
ތިލަމާލެ ބްރިޖުގެ ކޮލިޓީއަށް ޔަގީންކަން ދެމުންދިޔައީ ހޮންކޮންގެ އަރޫޕް ކިޔާ ކުންފުންޏަކުންނެވެ.
ބައެއް މީޑިއާތަކުން މިއަދު ވަނީ ތިލަމާލެ ބުރިޖުގެ ކޮލިޓީ ކަށަވަރުކުރަމުންދާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ބާތިލުކޮށްފައިވާ ކަމަށާއި އަދި މި މަސައްކަތުގައި އުޅޭ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ކުންފުނިން ނޯޓިސް ފޮނުވާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. އެގޮތަށް ކުންފުނިން އަމަލުކޮށްފައިވަނީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ނަމަވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ 60.84 ޕަސެންޓް ނިމިފައިވާއިރު، މި މަޝްރޫއުގެ އެންމެ އުނަދަގޫ ކަންކަމުގެ ތެރެއިން، ބްރިޖްގެ ޕައިލިންގެ މަސައްކަތް މިހާރު ކާމިޔާބުކަމާ އެކު ވަނީ ނިންމާލާފަ އެވެ.
ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ބްރިޖް ނިންމައި ސަރުކާރާ ހަވާލުކުރުމަށް މިހާރު ނިންމާފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖަށް މިހާތަނަށް 251.5 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.