Last Updated: July 19, 11:20
Saturday, July 19, 2025
ރިޕޯޓް

ބަގީޗާގެ އަޞްޙާބުންގެ ވާހަކަ

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުނުއާނުގައި ޤުރައިޝުންނަށް އެބައި މީހުންނަށް ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރި ނުވާތީ ކުރީގައި ނިޢުމަތްތައް ލިބި އެނިޢުމަތްތަކަށް ޝުކުރުވެރި ނުވި ބައެއްގެ ނިމުން އައި ގޮތުގެ ވާހަކައިން މިސާލު ޖެއްސެވިއެވެ.

ވާހަކަ

ޔަމަނުގެ ޞަންޢާއާ ގާތްގަނޑަކަށް ހަ މޭލު ދުރުގައިވާ ”ޟައިރަވާން" ކިޔުނު އަވަށުގައި ބިންގަނޑުގެ ގޮތުން ރަނގަޅު، މޭވާތައް ގިނައިން އަޅާ ދަނޑެއްވި އެވެ. މިތާގެ ވެރިޔަކީ މުސްކުޅި އަހުލު ކިތާބީންގެ ދީނަށް ތަބަޢަވާ (ޔަހޫދީއެއް) އެކެވެ. މި ޔަހޫދީ މުސްކުޅިމީހާ އަށް ލިބިގެން ވަނީ ނިޢުމަތުން ފުރިގެންވާ ރަގަޅު ބަގީޗާއެކެވެ. މި މުސްކުޅި މީހާ އަކީ ޞާލިޙު މީހުންގެ ތެރެއިންވި މީހެއެވެ. އެހެން ކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ ދަނޑަކީ ރަގަނޅު ދަނޑެއްކަމުގައި ލައްވައި އެނިޢުމަތް ދެމެހެއްޓެވި އެވެ.

މި މުސްކުޅި މީހާ އަބަ ދުވެސް މި ދަނޑުން ލިބޭ މޭވާ ތިން ބަޔަކަށް ބަހައިލަ އެވެ. ފުރަތަމަ ބަޔަކީ ފަގީރުންނާއި މިސްކީނުންގެ ބަޔެއެވެ. ދެވަނަ ބަޔަކީ އޭނާ އާއި އޭނަގެ ޢާއިލާގެ މީހުންނަށް ވާ ބަޔެވެ. ތިންވަނަ ބަޔަކީ އަލުން ދަނޑު ހެއްދުމަށް ރައްކާކުރާ މުޑުވަކަށްވާ ބަޔެކެވެ.

އޭނަގެ ގެޔަށް މޭވާތައް ވެއްދުމުގެ ކުރިން އޭނަ ފަގީރުންނާއި މިސްކީނުންނަށް އަޅާބައި އެމީހުނަށް ފޯރުކޮށްދެ އެވެ. މިގޮތަށް މި މުސްކުޅި މީހާ ކަންތައް ކުރަމުން ގެންދަނިކޮށް އޭނާގެ އަޖަލު އޭނައާއި ބައްދަލުކުރި އެވެ. އަދި އެ ދަނޑު އޭނަގެ ފަސް ދަރިންނަށް ވާރުތަވި އެވެ.

އަދި އެދަރިންނަށް ދަނޑު ވާރުތަވެ އެދަނޑުގެ ގޮވާން ކެނޑުމުގެ ކުރިން އެފަސް މީހުން އެ ދަނޑަށް ހަވީރުގެ ގަޑިއެއްގައި ދިޔަ އެވެ. ދަނޑުގެ ފުރިހަމަކަމާއި މޭވާގެ ގިނަކަންފެނި އެކަކު އަނެކަކަށް ބުނަން ފެށިއެވެ. ”އަހަރެމެންގެ ބައްޕައަކީ ގަމާރު މޮޔައެކެވެ. ދަނޑުން ލިބޭ މޭވާ އެދެނީ ފަޤީރުންނަށް ވިއްޔާއެވެ. އެހެންކަމުން މިފަހަރު ހިނގާށޭ އަހަރެމެން އަހުދު ކަށަވަރު ހިފަން މިދަނޑުން ލިބޭ އެއްވެސް އެއްޗެއް ފަގީރަކަށް އަދި މިސްކީނަކަށް ނުދޭން އެއިރުން އަހަރެމެންގެ މުއްސަނދިކަން އިތުރުވެދާނެއެވެ.”

މިހާ ހިސާބުން މި ފަސް ދަރިން ކުރެ އެންމެ ހެޔޮވިސްނޭ ބައްޕަޔާއި އެންމެ އެއްގޮތް ދަރި، މި މީހުންނަށް ބައްޕަ ކަންކުރިމަގުން ކަންތައްތައް ކުރަން އެދުނެވެ. ނަމަވެސް ދެން ތިބި ދަރީން މިކަމާއި ދެކޮޅު ހަދައި ހެޔޮވިސްނޭ ދަރިފުޅު ވެސް މިކަމާ އެއްބަސް ކުރުވައިފި އެވެ. އަދި މިއެންމެން މިގޮތުގައި ހުވާކޮށް އަނެއް ދުވަހު ހެދުނު ހެދުނާ އެބައި މީހުންގެ ބަގީޗައިގައިވާ މޭވާތައް ބިންނަން ނިންމިއެވެ. އަދި މިގޮތަށް މި މީހުން ހުވާ ކުރިއިރު ﷲ އިރާދަ ކުރެއްވިއްޔާ އޭ، މިހެން ވެސް ބުނެ ނުލަ އެވެ.

ދެން މީ މީހުން އެމީހުންގެ ގެޔަށް ނިދަން ދިޔަ އެވެ. ހެނދުނު ހެދުނާ ދަނޑުން ގޮވާން ކެނޑުމުގެ އުއްމީދުގަ އެވެ. އެހާ ހިސާބުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންގެ ބަގީޗާއަކީ އެހެންވެސް ދަހި ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިނުވާ މީހުންނަށްވާ އިބުރަތެއްކަމުގައި ލެއްވެވިއެވެ.

އެރޭގައި އެމުޅި ބަގީޗާ އަނދައި ހުލިވެ ދެއްޔަށް ވެފައިވާ އަނދިރި ތަނެއްކަމުގައި ލެއްވެވި އެވެ. ބުނެވޭ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިތަނަށް ހޮނުއެޅުއްވީ އެވެ.

އަނެއް ދުވަހުގެ ހެދުނު ހެނދުނާ އެއްކަލަ ފަސް ދަރިން ތެދުވެ އެކަކު އަނެކަކަށް އެ މީހުން ނިންމި ނިންމުން ތަންފީޒު ކުރުމަށް، މިއަދު ބަގީޗާއަށް އެއްވެސް ފަޤީރަކު ވައްދައިގެން ނުވާނެއޭ ކިޔަމުން ބަގީޗާ ހަމަޔަށް ދިޔައެވެ. މި ތަނަށް ދިޔަތަނާ އެ މީހުނަށް ފެނުނީ އަނދާ ހުލިވެ ދެއްޔައްވެފައިވާ ތަނެކެވެ.

ދެން މި މީހުންނަށް މަގު އޮޅުނީ ކަމަށް ހީކޮށް އަހަރެމެންނަށް މި އާދެވުނީ ރަނގަޅުމަގަކުން ނޫނޭ ބުނަން ފެށި އެވެ. ނަމަވެސް އެ މީހުންނަށް އެއީ އެމީހުންގެ ބަގީޗާކަން އެނގުމުން ހޭވެރިކަންވި އެވެ. އަދި އެމީހުންގެ ނުބައި ރޭވުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތައާލާ އެމީހުންނަށް ޢަޒާބު ދެއްކެވީކަން އެނގުނެވެ.

ދެން އެއްކަލަ ހެޔޮވިސްނޭ ކުއްޖާ ބުންޏެވެ. ”ތިމަންނަ އެއިރުވެސް ބުނީމެއް ނޫންހޭ އެގޮތައް ކަންތައްތައް ނުކުރަން” ދެން މިއެންމެންނަށް މި ރޭވުނު ނުބައި ނިންމުމާއި މެދު ހިތާމަ ކޮށް ބުނޫއެވެ. ”ހުސްޠާހިރުވަންތަ އަޅަމެންގެ ވެރި ރައްބެވެ. އަޅަމެންވީ އަނިޔާވެރިންގެ ތެރެއިންނެވެ.”
ދެން އެކަކު އަނެކަކަށް މިކަން މިވީ ކަލެޔާ ހެދިގެންނޭ ކިޔައި އެކަކު އަނެކަކަށް ދިމާކުރަމުން ދިޔަ އެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެވެ. އެ ބަގީޗާއަކުން އެމީހުނަށް މަންފާއެއް ނުކުރިއެވެ. އަދި އެތަނަކީ ދިރުމެއް ނުވާތަނަކަށް ވެއްޖެ އެވެ.

ﷲ އަށް ޝުކުރުވެރި ނުވާ މީހުންނަށް ޖަޒާ ދެއްވަނީ މިފަދަ ގޮތަކަށެވެ. ހެޔޮވިސްނޭ މީހުންނަކީ މުދާވެރި ވިޔަސް އެ މުދަލުން ހޭދަކޮށް އު ޅޭމީހުންނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ މިވާހަކަ سورة القلم ގައި ބަޔާން ކުރައްވާފައި ވަނީ މިފަދައިންނެވެ.

17. إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِين – [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންامتحانކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބަގީޗާގެ أهلވެރިންامتحانކުރެއްވި ފަދައިންނެވެ. އެއުރެން ހެނދުނު ހެނދުނާ މޭވާ ބިންނާނޭކަމަށް ހުވާކުރިހިނދެވެ.]

18. وَلَا يَسْتَثْنُونَ [އަދި އެއުރެން استثناءއެއް ނުކުރެތެވެ. (އެބަހީ: إن شاءاللَّهއޭ ނުބުނެތެވެ.)]

19. فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ [ފަހެ (އެރޭ)އެއުރެން ނިދާފައިތިއްބައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ.]

20. فَأَصْبَحَتْ كَالصَّرِيمِ [ދެން އެ ބަގީޗާގެ ގަސްތައް އަނދައި،ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ.]

21. فَتَنَادَوا مُصْبِحِينَ [ފަހެ، އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދޫއެވެ.]

22. أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ [ތިޔަބައިމީހުން އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ!]

23. فَانطَلَقُوا وَهُمْ يَتَخَافَتُونَ [ފަހެ، އެއުރެން ސިއްރުސިއްރުން ވާހަކަދައްކަމުން (އެތަނަށް) ދިޔައޫއެވެ.]

24. أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ [މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް مسكينއަކު ވަނަދީގެނެއް ނުވާނެތެވެ.]

25. وَغَدَوْا عَلَى حَرْدٍ قَادِرِينَ [އަދި فقيرންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށްހީކޮށް، އެކަމުގެ قصدގައި ހެނދުނާ އެއުރެން ދިޔައޫއެވެ.]

26. فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ [ފަހެ، އެއުރެންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ حال ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، މަގުއޮޅިގެންވާ ބަޔަކީމުއެވެ.]

27. بَلْ نَحْنُ مَحْرُومُونَ [އަދި ކިއެއްތަ! ތިމަންމެންނީ (އެ ބަގީޗާގެ މޭވާތަކުން) محرومވެގެންވާ ބަޔަކީމުއެވެ.]

28. قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ [އެއުރެންކުރެ އެންމެ ބުއްދިވެރި މީހާ ބުންޏެވެ. ތިޔަބައިމީހުން (اللَّه ހަނދުމަކޮށް) تسبيحނުކިޔަނީ ކީއްވެހޭ، ތިމަން ތިޔަބައިމީހުންނަށް ނުބުނަން ހެއްޔެވެ؟]

29. قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ [އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ހުސްطاهرވަންތަކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިންކަމުގައެވެ.]

30. فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ [ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރެތެވެ.]

31. قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ [އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން،ތިމަންމެންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކުކަމުގައެވެ.]

32. عَسَى رَبُّنَا أَن يُبْدِلَنَا خَيْرًا مِّنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ [އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ نعمةއެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، ތިމަންމެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرةއަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ.]

33. كَذَلِكَ الْعَذَابُ وَلَعَذَابُ الْآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ [عذابހުރީ އެފަދައިންނެވެ. އަދި آخرةގެ عذاب (އެއަށްވުރެ) މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ.]

ދުޢާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ ދީލަތި ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔެއްކަމުގައި ލެއްވުމެވެ.

ނޯޓް: މިއީ ޝައިޚް މުޙައްމަދު މަންޞޫރު އާދަމްގެ ލިޔުއްވުމެކެވެ.