Last Updated: July 19, 11:20
Saturday, July 19, 2025
ޚަބަރު

ގައުމު މި ދަނީ ބަނގުރޫޓުވަމުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓި، ގައުމު މިދަނީ ބަނގުރޫޓުވަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ އަގު ކަޅުބާޒާރުގައި 20 ރުފިޔާއަށް އުފުލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޑޮލަރުގެ އަގު ދިވެހި ތާރީޚުގައި ވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި, ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި, ޤައުމު މިދަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުން ކަމަށެވެ. އަދި ގައުމު މިދަނީ ބަގުރޫޓު ވަމުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުން ހާލުގައި ޖެހި, އިޤްތިޞާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރުވެސް އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވުމަކީ ޣައިރު ޒިންމާދާރު އަދި ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އަދި މި ޙާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ގަވަރުނަރަށް ޝާހިދު ވަނީ ގޮވާލާފަ އެވެ. އަދި ޤައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭ އިން އަޅާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވުމާއި ކަޅު ބާޒާރުގައި ޑޮލަރު ބޮޑު އަގުގައި ވިއްކަމުންދާ މައްސަލަ އަށް މިހާތަނަށް ވެސް އެކަށީގެންވާ ހައްލެއް ސަރުކާރަށް ހޯދައި ދެވިފައި ނުވާތީ މި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. އޭގެ ފަހުން ވެސް އެތައް ފަހަރެއްގެ މަތިން މި މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވެ އެވެ.