އޯޓިޒަމް ކުދިންނަށް ހުރިހާ ދާއިރާއަކުން އެހީވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރަށް އޮތް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށްޓަކައި ބާއްވަމުން އަންނަ "އާޓް އޮފް މައިންޑް"ގެ މިއަހަރުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޝަރީފު ވިދާޅުވީ އެމްއޭސީއެލްގެ ވިސްނުމަކީ އޯޓިޒަމް ފަދަ ކުދިންނަށް އެ ކުންފުނީގެ ދޮރު ތަންމިނަށް ހުޅުވާލާފައި ބޭއްވުން ކަމަށެވެ.
"އޯޓިޒަމް ހުންނަ ކުދިންނަށް ހުރިހާ ރޮނގަކުން އެހީތެރިވާން އެމްއޭސީއެލް އޮތީ ތައްޔާރަށް، އެގޮތުގައި ދެމި ތިބޭނަން. އެމްއެސީއެލް އަބަދުވެސް ދެމި އޮންނާނީ އޯޓިޒަމް އެސޯސިއޭޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި. މި ގުޅުން ދުވަހެއް ދުވަހެއް ދާނީ ބަދަހިވަމުން. ގޮވާލި ކޮންމެ ކަމަކަށް އިޖާބަ ދޭނަން،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އޯޓިޒަމް ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 2010 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އެކަމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން، ކުރީގެ ފަސްޓްލޭޑީ އިލްހާމް ހުސެއިން ކޮށްދެއްވަމުން ގެންދަވަނީ ގައުމީ އަދި ފަރުދީ މަސައްކަތެއް އެކަނި ނޫން ކަމަށެވެ.
އިލްހާމްގެ އެ މަސައްކަތަކީ އިންސާނިއްޔަތަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެހެންވެގެން އެކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
އެމްއޭސީއެލުން ބުނީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުން އަންނަ އިރު، އޯޓިޒަމް ކުދިންނަށް ތަފާތު ދާއިރާތަކުން މީގެ ކުރިންވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރު ބޭއްވި "އާޓް އޮފް މައިންޑް" މައުރަޒުގައި ދައްކާލި ބައެއް ކުރެހުންތައް އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާނެ ކަމަށާއި އެއީ އޯޓިޒަމް ދަރިވަރުންނަށް ފަންނުވެރިކަމުގެ ދާއިރާ އިން ކުރިއަށްދިއުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.