ބޮލީވުޑްގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު ކުޅުނު އާ ފިލްމު "120 ބަހާދޫރު" ގެ ޓީޒާ ޓްރެއިލާ އަންނަ މަހު އާންމު ކުރަން ނިންމައިފި އެވެ.
ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގައި އޭނަ ފެންނާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ. ފަރުހާން ފިލްމުގެ ކުންފުނި، އެކްސަލް އެންޓަޓައިންމަންޓާއި ޓްރިގާ ހެޕީ ސްޓޫޑިއޯ ގުޅިގެން ހަދާފައިވާ "120 ބަހާދޫރު" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މީގެ ޑައިރެކްޓަރަކީ ކަންގަނާ ރަނާވަތުގެ 2022 ގެ "ދާޅަކް" ގެނެސްދިން ރަޒްނީޝް 'ރާޒީ' ގާއީ އެވެ.
މީޑިއާތަކުން ބުނީ އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި "120 ބަހާދޫރު" ގެ ޓީޒާ ދައްކައިލުމަށް ފަހު، އެ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަ ރިތިކް ރޯޝަންގެ "ވޯ 2" ސިނަމާތަކުގައި ދައްކަމުންދާ އިރު، އެ ފިލްމުގެ ހުސް ވަގުތުގެ ތެރޭގައި ވެސް ފަރުހާން ފިލްމުގެ ޓީޒާ ސިނަމާތަކުގައި ދައްކަމުން ދާނެ ކަމަށެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު 21 ގަ އެވެ. ފަރުހާން އެންމެ ފަހުން ފެނިފައިވާ ފިލްމަކީ އޭނަގެ އެކްޓިން ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމު ކަމަށްވާ 2013 ގެ "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝްގެ 2021 ގެ "ތޫފާން" އެވެ.
މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޙްތަރުގެ ދަރިފުޅު އަދި މަޝްހޫރު ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ކޮއްކޮ ފަރުހާނަކީ "ދިލް ޗާތާ ހޭ" އާއި "ޑޮން" ގެ ދެ ފިލްމުގެ ޑައިރެކްޓަރެވެ. އޭނަގެ ކުރިއަށް އޮތް ޑައިރެކްޝަަނަކީ އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ "ޑޮން 3" އެވެ.