Last Updated: July 19, 11:02
Saturday, July 19, 2025
ދުނިޔެ

ޝޮޕިން ސެންޓަރެއްގައި ރޯވެ 60 އަށް ވުރެ ގިނަ މަރު

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިރާގުގައި ހުޅުވި ޝޮޕިން ސެންޓަރެއްގައި ރޯވެ، ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެެ.

މީޑިއާތަކުން ބުނީ އިރާގުގެ ކޫތު ސިޓީގައި ހުޅުވި ފަސް ބުރީގެ ޝޮޕިން ސެންޓަރުގައި ރޯވި ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު 60 އަށް އަރާ ކަމަށެވެ. އެ އިމާރާތުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ އިރު، އިމާރާތުގެ ތެރެއިން އިތުރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ކޫތުގެ ގަވަރުނަރު މުހައްމަދު އަލް މިޔާހީ ވިދާޅުވީ މިއީ ވަރަށް ވެސް ހިތާމަވެރި ހާދިސާއެއް ކަމަށާއި މިއީ އިހުމާލުގެ ސަބަބުން ކުރިމަތިވި ހާދިސާއެއް ކަމަށެވެ. އެހެންވެ ޝޮޕިން ސެންޓަރުގެ ވެރިޔާ އަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެެވެ. އަދި މިކަން އަންނަނީ ތަހުގީގު ކުރަމުންނެވެ

ޝޮޕިން ސެންޓަރުގައި ރޯވެ، ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން ކޫތު ސިޓީގައި މިހާރު ވަނީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފަ އެވެ.