Last Updated: July 19, 11:02
Saturday, July 19, 2025
ޚަބަރު

އުރީދޫ މަސް ރޭސް މި ފަހަރު 2 ރަށެއްގައި

އުރީދޫ މަސްރޭސް މިއަހަރު ދެ ރަށެއްގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. ހުރާ އަދި ށ. ފުނަދޫގަ އެވެ. އެގޮތުން ހުރާގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ގަ އެވެ. ފުނަދޫގައި މުބާރާތް އޮންނާނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް އޮންނާނެ އެވެ.

ކޮންމެ މަސް ރޭހެއްގައި ވެސް 80،000ރ ގެ ފައިސާގެ އިނާމު ހިމެނެ އެވެ. މީގެ ތެރޭގައި ޗެމްޕިއަން ޓީމަށް 25000ރ، ދެވަނަ ޓީމަށް 10000ރ އަދި
ތިންވަނަ ޓީމަށް 5000ރ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.

އުރީދޫ މަސްރޭހުގައި މިއަހަރު ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. އެގޮތުން 16 ޓީމަށް ވުރެ ގިނައިން ރެޖިސްޓާ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ މަސްރޭސް 2025 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ އިން މަރުހަބާ ކިޔަ އެވެ.

އުރީދޫ މަސްރޭހުގައި ރަޖިސްޓްރީވުމަށް، އުރީދޫގެ ވެބްސައިޓް http://ore.do/masrace2025 މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ އެވެ.