Last Updated: July 19, 11:20
Saturday, July 19, 2025
ޚަބަރު

އަބްދުއްރަހްމާންގެ މަރު: ގާތް ފަރާތްތަކާ ސުވާލު ކުރަނީ

އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލާފައި އޮތް އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ސުވާލުކުރަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ މި މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

އަބްދުއްރަހްމާން ،65، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހަފްތާގައި އިންޑިއާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އޭނަ އަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ބޮލަށް ކަމަށް އެނގިފައިވެ އެވެ.

މި ހާދިސާ ތަހުގީގު ކުރަން މާލެއިން ވެސް ޓީމެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ގެންދަނީ މާޅޮހަށް އަރައި ފައިބާ މީހުން މޮނީޓާ ކުރަމުންނެވެ.