މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ އައު ޤައުމީ ބްރޭންޑެއް ތަޢާރަފުކޮށްފި އެވެ.
އިނގިރޭސި ވިލާތުގައި ބޭއްވުނު ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރަސްމީކޮށް މި ބްރޭންޑް އިފްތިތާޙުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ބްރޭންޑަށް ދީފައިވަނީ ނަމަކީ "ފްރޮމް މޯލްޑިވްސް" އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއް ކަމަށެވެ.
އަދި ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަން ވެސް މި ބްރޭންޑުން ދައްކުވައިދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްޤީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާޢަތެއްކަންވެސް މި ބްރޭޑްގެ ޒަރިއްޔާއިން ރަމްޒުކޮށްދޭކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
މިނިސްޓްރީން ބުނީ މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް މަސައްކަތް ކަމަށެވެ. އަދި މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މި ބްރޭންޑަކީ ރައީސް އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެކެވެ.