ހިޔާނާތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން ވަކިކޮށްފި އެވެ.
އާސިފްގެ މައްޗަށް ތުހުމަތު ކުރެވުނީ ޕްރިޒަންސް ކްލަބުގެ ފައިސާތަކެއް އަމިއްލަ އެކައުންޓްތަކަކަށް ޖަމާކުރި މައްސަލައެކެވެ. އެގޮތުން ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000ރ.އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލައާ ގުޅިގެން އާސިފް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަގާމުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފަ އެވެ.
ކަރެކްޝަނުން ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.
އާސިފް އޭސީޕީގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ މާލޭ ޖަލު ހިންގުމުގައި އިސްކޮށް، ސުޕްރިޓެންޑެންޓްގެ މަގާމުގަ އެވެ.