Last Updated: July 19, 11:46
Saturday, July 19, 2025
ޚަބަރު

ރާއްޖޭގައި އިންވެސްޓްކުރަން ޔޫކޭގެ ވިޔަފާރިތަކަށް ދައުވަތު

ރާއްޖޭގައި ހުރި އިޤްތިޞާދީ ފުރުޞަތަކަށް އިންވެސްޓްކުރުމުގެ ދަޢުވަތު އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި އިއްޔެ ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ މައިގަނޑު ފަސް އިސްތިރާޖީ ދާއިރާއެއްގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެ ފަސް ދާއިރާއަކީ، އުފެއްދުންތެރިކަމާއި ޘަޤާފަތާއި ފިކުރީ މުދަލުގެ މައްޗަށް އެކުލެވޭ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ، ޑިޖިޓަލް ޓްރާންސްފޯމޭޝަން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުން އީޖާދީ ބޭނުން ހިފުމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ބިނާރުގެ ދާއިރާ އެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމުގެ މާޙައުލު އިތުރަށް ހަރުދަނާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓްގެ އާ ޤާނޫނެއް ތަންފީޒުކުރުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިނގަން ފެށުން ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބޭ މަންފާ އިތުރުކުރުމުގައި އިނގިރޭސީންގެ ދައުރު ބޮޑު ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ މަތީފަންތީގެ ފަތުރުވެރިކަން ފައްކާކުރުމުގައި އިނގިރޭސީންގެ ދައުރު ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް އިނގިރޭސިވިލާތުން ރާއްޖެއަށް 180،000 އަށް ވުރެ ގިނަ ފަތުވެރިން ޒިޔާރަތް ކުރި ކަމަށެވެ.

މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރަން، ވެސްޓް ލަންޑަން ޗެމްބާސް އޮފް ކޮމާސް އާއި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.