އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރުޅިގަދަވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގައި އެމްޑީޕީން ކުރި ވައްކަމުގެ ވާހަކަ ދައްކާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ވީއައިއޭގެ އާ ޓާމިނަލް ހަދަން "މާ މޮޅު އިކޮނޮމިސްޓެއް" ކަމަށް ދައްކަވައިގެން ޔާމީންގެ ވެރިކަމުގައި ނެގި ލޯނު ކަމަށް ވިދާޅުވެ ފައްޔާޒު ފާޑުކިޔުންތައް އަމާޒުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
ފައްޔާޒު ވަނީ 2014 ވަނަ އަހަރު އާ ޓާމިނަލް ހަދަން ދަރަނި ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ހުންނާނީ ހަތަރު މިލިއަންގައި ކަމަށާއި އަދި ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ މީހެއްގެ ބޮލަކަށް ޖެހޭ އާމްދަނީ ދެގުނަ މަތިވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޓާމިނަލްގެ މަސައްކަތް ކުރަން ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕަށް އެމަނިކުފާނުގެ ވެރިކަމުގައި ދިނީ 357 މިލިއަން ޑޮލަރަށް ކަމަށާއި ނަމަވެސް އެމްޑީޕީގެ ސަރުކާރުން ޓާމިނަލްގެ ބައެއް ކަންކަމަށް ބަދަލުތައް ގެނެސް ޓާމިނަލްގެ އަގު 600 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ޖައްސާފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ޓާމިނަލްގެ އެންމެ ބޮޑު ބަދަލަކަށް ގެނައީ ފަސާޑަށް ގެނައި ބަދަލު ކަމަށާއި އެކަމަށް ދިޔައީ 28 މިލިއަން ޑޮލަރު ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު ވޭރިއޭޝަންތައް ގެނެސް އެމީހުން 600 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ޓާމިނަލްގެ އަގު ޖައްސައިފި. ޓާމިނަލަކަށް އެހެން ބަދަލެއް ނާދޭ. މި ތަފާތު މިއީ އެމީހުން ކާލާފައި ހުރި ލާރި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ފައްޔާޒު އާއި އެމްޑީޕީގެ އެހެން ބޭފުޅުން ރުޅިގަދަވަނީ މިފަދަ ކަންކަމުގެ ވާހަކަތައް ދައްކާތީ ކަމަށާއި ނަމަވެސް ހިސާބު ނަމްބަރުތައް ދޮގުނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"މިކަހަލަ ވާހަކަ އަޅުގަނޑުމެން ދައްކާތީ މިކަމާ ރުޅިއައިސްގެން ބޮލުރޮދި ކެނޑިގެން މި މީހުން މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.