މި ސަރުކާރުން ދެ އަހަރުތެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ 50 ޕަސެންޓް މަސައްކަތް ނިންމި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން މުޖުތަބާ ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ކަމަށާއި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު އިރު، އާ ޓާމިނަލްގައި ނިމިފައިވަނީ 54 ޕަސެންޓް މަސައްކަތް ކަމަށެވެ.
"މިދިޔަ 8 އަހަރުތެރޭ ކުރެވިފައި ހުރީ ގާތްގަނޑަކަށް 50 ޕަސެންޓް މަސައްކަތް. މިވަރުގެ ޓާމިނަލެއް ރަނގަޅު ތިން އަހަރުތެރޭ އެއްކޮށް ނިމި، އޮޕަރޭޝަނަލައިޒް ކުރެވޭނެ. އެހެން ނަމަވެސް 8 އަހަރުތެރޭ މިދިޔައީ 50 ޕަސެންޓް. ބާކީ އޮތް 50 ޕަސެންޓް މި ނިމިގެންދިޔައީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަސްތެރޭގައި ރައީސް މުއިއްޒުގެ ދައުރުގައި،" މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައިއިރު ޓާމިނަލްގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށާއި މި ވެރިކަމުން އެ މަސައްކަތް އަލުން ފަށާ، ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެއާޕޯޓްގެ ޓާމިނަލްގެ ފަހުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހޯދިއިރު އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވަރަށް ގިނަ މުހިންމު ބައިތައް މަޝްރޫއުގައި ނުހިމެނޭ ކަމަށާއި އެގޮތުން ހެޑް އޮފް ސްޓޭންޑް ރޯޑް ނުހިމެނޭ ކަމަށާއި އެ މަސައްކަތަށް ފައިސާ ވެސް ހޯދާފައިނުވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ކޮމާޝަލް ސަރަހައްދު ވެސް ނެތް ކަމަށާއި އެ މަސައްކަތަށް ފައިސާ ވެސް ނުހޯދާ އިރު، ޓާމިނަލް ފިނިކުރަން ހުންނަ ސިސްޓަމުން ބޭނުންކުރާ ފެން އުފެއްދެން ނެތް ކަމަށާއި ފެން ޓާމިނަލާއި ހަމައަށް ގެނެވޭނެ ވަސީލަތް ވެސް ގާއިމުކުރެވިފައި ނެތް ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އަދި ޓާމިނަލް ފުރާޅަށް އެޅޭ ފެން ބޭރުކުރެވޭނެ ގޮތް ވެސް ހަމަޖައްސާފައިނުވާ ކަމަށް ވިދާޅުވި އެވެ.
މުޖުތަބާ ވަނީ ހުރިހާ މަސައްކަތެއް ވެސް ކުރިވިގެންދިޔައީ 2023 ފަހުން ކަމަށާއި މި ސަރުކާރުން އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށްޓަަކައި 65 ޕަސެންޓްގެ މަސައްކަތް ކުރި ކަމަށް ވެސް ވިދާޅުވި އެވެ.