މި އަހަރުގެ މިހާތަނަށް އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދު 1,227 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ދައްކާ ގޮތުން ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ޓޫރިސްޓު ފެސިލިޓީ ތަކުގެ އަދަދު ހުރީ 1،207 ގަ އެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް އެ އަދަދު 1،227 އަށް އަރާފައިވާއިރު މިއީ 1.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ތެރޭގައި ހިމެނެނީ 175 ރިސޯޓާއ، 877 ގެސްޓްހައުސް އާއި 159 ސަފާރީ އުޅަނދުގެ އިތުރުން 16 ހޮޓަލެވެ.
މި އަދަދުތަކާ އެކު މިހާރު ރާއްޖޭގެ ޖުމްލަ ބެޑް ކެޕޭސިޓީ 64,373 އަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 44,047 އެނދާއި ގެސްޓު ހައުސްތަކުގެ 14,854 އެނދާއި ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,162 އެނދުގެ އިތުރުން ހޮޓާތަކުގެ 2,310 އެނދެވެ.
ރާއްޖެ އިން މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,195,693 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 9.5 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން މިހާތަނަށް ޗައިނާއިން 163,370 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނަ އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.