އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ލޯބިން" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.
މި ލަވައިން ފެނިގެން ދަނީ ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ހިމެނޭ ތާތި އާދަމާއި އިފްނާޒް ފިރާގެވެ. ހަގީގީ ދިރިއުޅުމުގައި ވެސް ފެމަފިރިން ކަމަށްވާ ދެ ތަރިންގެ ލޯތްބާއި ހިތްގައިމު ކެމިސްޓްރީއާ އެކު ރީތި މަންޒަރުތަކެއް ދައްކުވައިދޭ "ލޯބިން" ލަވަ ކިޔާފައި ވަނީ ޝައްމޫން މުހައްމަދާއި އައިޝަތު މާއިން ރަޝީދެވެ.
މި ލަވަ އަކީ "ލޯބިން" ގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ދެވަނަ ލަވަ އެވެ. ފުރަތަމަ ލަވަ އަކީ ތާތި އާއި އަހުމަދު ޝާރިފް ފެނިގެންދާ "ލޮލުގެ ޖަޒުބާތުން" އެވެ.
އަންނަ މަހުގެ 6 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "ލޯބިން" އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށް އޭނަގެ އައި ފިލްމްސް އާއި އިންގިޖިނަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މީގެ ކާސްޓްގައި ނުޒުހަތު ޝުއައިބު (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާމް ވެސް ހިމެނެ އެވެ.