މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
މިނިސްޓްރީން ބުނީ މިނިވަން ދުވަހުގެ ހަރަކާތްތައް މިމަހުގެ 26 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި މިގޮތުން މިހަރަކާތްތަކުގެ ތެރެއިން ފުރަތަމަ އޮންނާނީ ޖުލައި 26 ވަނަ ދުވަހު ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކަމަށެވެ.
އެ ދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 8:30ގައި ޒުވާނުންގެ މަރުކަޒުގަ އެވެ. އަދި އެ ދުވަހުގެރޭ 8:30 ގައި މިނިވަން ދުވަހުގެ ފުޅަނދުބުރު މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ބާއްވާގޮތަށް ވެސް ވަނީ ނިންމާފަ އެވެ.
މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރެވެ.