Last Updated: July 19, 10:47
Saturday, July 19, 2025
ޚަބަރު

ރައީސް، ކޮމަންވެލްތުގެ އެސްޖީއާ ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝާލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދުގެ މި ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ތަކުރާރުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަދާކުރަމުންދާ ލީޑަރޝިޕްގެ ދައުރު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ރާއްޖެ ގެންދިއުމުގެ ޤައުމީ ތަޞައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރައީސް އާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މީގެތެރޭގައި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން، ވިޔަފާރިއާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅުންހުރި ދާއިރާތައް ހިމެނެ އެވެ.