Last Updated: July 19, 11:02
Saturday, July 19, 2025
މުނިފޫހިފިލުވުން

ޝާހްރުކްގެ ލަންކާ ދަތުރު ކެންސަލްކޮށްފި

ސްރީ ލަންކާގައި ތަރައްގީކޮށްފައިވާ އިންޓަގްރޭޓެޑް ރިސޯޓް "ސިޓީ އޮފް ޑްރީމްސް" ހުޅުވަން އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ކުލަގަދަ ހަފުލާގައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބައިވެރި ނުވާނެކަން އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ 2 ގައި ބާއްވާ ހަފުލާގައި އޭނަ ބައިވެރިވާނެކަން އިއުލާންކޮށް، އެ އިވެންޓް އިންތިޒާމުކުރާ، ވިޒް ކްރާފްޓުން އެކަން ސޯޝަލް މިޑިއާގައި ވެސް މި މަހުގެ ކުރީކޮޅު ހިއްސާކުރި އެވެ.

ނަމަވެސް އެތަނުން ނެރުނު ބަޔާނެއްގައި ބުނީ "ސިޓީ އޮފް ޑްރީމްސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހްރުކް ބައިވެރިވާން ލަންކާ އަށް ކުރަން ހަމަޖެހުނު ދަތުރު އަމިއްލަ ބައެއް ސަބަބުތަކާ ހެދި ކެންސަލްކޮށްފައިވާ ކަމަށެެވެ. އެ ކުންފުނިން ބުނީ ލަންކާ އަށް ޝާހްރުކް ދާން އުޅޭކަން އެނގިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ހަފުލާ އަށް ވަރަށް ގިނަ އަދަދެއްގެ ފޭނުންތަކެއް އިންތިޒާރު ވެސް ކުރަމުން އައިކަން އެނގޭ ކަމަށެވެ.

ނަމަވެސް ޝާހްރުކްގެ ދަތުރު އަމިއްލަ ވަރަށް މުހިއްމު ސަބަބުތަކާ ހެދި ކެންސަލް ކުރަން ޖެހުމާ ގުޅިގެން، މާޔޫސްކަން ލިބުނު ފޭނުންގެ ފަރާތުން މައާފަށް އެދޭ ކަމަށް ވެސް ވިޒް ކްރާފްޓުން ބުންޏެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް އެންމެ ފަހުން ލަންކާ އަށް ދިޔައީ މީގެ 21 އަހަރު ކުރިން 2004 ގަ އެވެ. އެއީ އޭނަ ކުރިން "ޓެމްޕްޓޭޝަން" ގެ ނަމުގައި ބާއްވަމުން އައި ޓުއާގެ ތެރެއިންނެވެ. އެގޮތުން ލަންކާގައި ޑިސެމްބަރު 11، 2004 ގައި ޝޯއެއް ދީފައިވެ އެވެ.

މި މަހުގެ 2 ގައި ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ "ސިޓީ އޮފް ޑްރީމްސް" އަކީ ޖޯން ކީލްސް ހޯންޑިން (ޖޭކޭއެޗް) އާއި މެލްކޯ ރިސޯޓްސް އެންޑް އެންޓަޓައިންމަންޓް (އެމްއާރްއީ) ގެ ޖޮއިންވެންޗާއެއްގެ ދަށުން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. މިއީ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ލަންކާގެ "ސިޓީ އޮފް އޮފް ޑްރީމްސް" އަކީ ދެކުނު އޭޝިއާގެ ފުރަތަމަ "ފުލީ" އިންޓަގްރޭޓްޑް ރިސޯޓެވެ.

އެތަން ހުޅުވަން ބާއްވާ ކުލަގަ ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ހިސާބުތަކުން މަޝްހޫރު، ނުފޫޒު ގަދަ މީސްމީހުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެ އެވެ.