އެންމެ އުހުން ފުންމާލައިގެން ސްކައިޑިވިންގެ ރެކޯޑެއް ހެދި އޮސްޓްރިއާގެ ފެލިކްސް ބޯމްގާޓްނާ ޕެރަގްލައިޑިން ހަދަނިކޮށް ވެއްޓި މަރުވެއްޖެ އެވެ.
އުމުރުން 56 އަހަރުގެ ފެލިކްސް އިއްޔެ މަރުވީ އިޓަލީގެ އަވަށެެއް ކަމަށްވާ ޕޯޓޯ ސެންޓިޕީޑިއޯގައި ޕެރަގްލައިޑް ހަދަނިކޮށް ޕޫލެއްގެ ތެރެއަށް ވެއްޓި އެވެ. އެތަނުގެ މޭޔަރު މެސިމިލާނޯ ސިއެޕެލާ ހަވާލާދީ މީޑިއާތަކުން ބުނީ ފެލިކްސް ވެއްޓުނީ ވައިގެ ތެރޭގައި ދިމާވި ކުއްލި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
އެ ހާދިސާގައި ޒުވާން އަންހެނަކަށް ވެސް އަނިޔާވެގެން އަންނަނީ ފަރުވާ ދެމުންނެވެ.
އަބަދު ވެސް ވަރަށް ނުރައްކާތެރި ސްޓަންޓްތައް ހަދަން މަޝްހޫރު މީހެއްގެ ގޮތުގައި ފާހަގަކޮށްލެވޭތީ "ފިއަލެސް ފެލިކްސް" ގެ ނަމުން މުހާތަބުކުރާ ފެލިކްސް އެންމެ އުހުން ފުންމާލައިގެން ސްކައިޑައިވެއް ހަދައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދިީ 2012 ގަ އެވެ. އެ ރެކޯޑް އޭނަ ހެދީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ގައި ހީލިއަމް ބެލޫނެއްގައި 39 ކިލޯމީޓަރު ނުވަތަ 128،000 ފޫޓް މަތިން ފުންމާލައިގެންނެވެ.
ފެލިކްސް އަކީ ކުރިން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ މެލޭޝިއާގެ ކުއާލާ ލަމްޕޫރްގެ ޕެޓްރޯނަސް ޓަވަރު މަތިން، 1999 ގައި ވައިކުޑައެއްގައި ފުންމާލައިގެން ވެސް ރެކޯޑް ހަދާފައިވާ މީހެކެވެ.
އިޓަލީގައި ހިނގި ހާދިސާއެއްގައި އޭނަ މަރުވުމާ ގުޅިގެން ވަރަށް ގިނަ ފޭނުންތަކެއް ސޯޝަލް މިޑިއާގައި ހިތާމަފާޅުކޮށްފައިވެ އެވެ.