Last Updated: July 19, 11:18
Saturday, July 19, 2025
ޚަބަރު

12 އަހަރުގެ ކުއްޖަކާ ބެހުނު މައްސަލައެއް

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން - ފޮޓޯ: ވީނިއުސް

ބާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މި ހާދިސާ ހިނގީ ސައުތު ޕޮލިސް (ގއ, ގދ, އައްޑޫ އަދި ފުވައްމުލައް) ހިމެނޭ ރަށެއްގަ އެވެ. ފުލުހުން ބުނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މި މައްސަލަ އެ ރަށުގެ ޕޮލިހާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ކުއްޖާގެ ވަނަވަރު ނުވަތަ ކުއްޖާގެ ރަށާއި އަތޮޅު އަދި މައްސލަަ ހުށަހަޅާ ރަށާއި އަތޮޅު ފުލުހުން އާންމު ނުކުރެއެވެ. މިފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ކުށެކެވެ.