Last Updated: July 19, 11:02
Saturday, July 19, 2025
ޚަބަރު

ރާއްޖޭގައި ހުރި ފުރުސަތުތައް ކެނޑިނޭޅި އިޝްތިހާރުކުރަންޖެހޭ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ހުރި ފުރުސަތުތައް ކެނޑިނޭޅި އިޝްތިހާރުކުރަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ލަންޑަންގައި އިއްޔެ ވަނީ ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމެއް ބާއްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ވިޔަފާރީގެ ވާދަވެރިކަން ބޮޑުވެފައިވާ ދުނިޔެއެއްގައި ރާއްޖެ އިޝްތިހާރުކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާގެ ފުރުސަތުތައް މާކެޓްކުރުމަކީ ކެނޑިނޭޅި ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ލަންޑަނުގައި ކުރިއަށްގެންދެވުނު ފޯރަމްގައި ޔޫކޭއަށް ނިސްބަތްވާ އަދި ޔޫކޭގައި ހަރަކާތްތެރިވާ 200 އަށް ވުރެ ގިނަ ވިޔަފާރިވެރީން ބައިވެރިވެ، ރާއްޖޭގައި ހުރި ތަފާތު ވިޔަފާރިއާއި އިންވެސްޓް ކުރެވިދާނެ ދާއިރާތަކުގެ ފުރުސަތުތައް އޮޅުންފިލުވި ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ގިނަބަޔަކު އަބަދުވެސް ރާއްޖެއާއި މެދު ޝައުޤުވެރިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް ކަމުގައިވާއިރު، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ތިމާވެއްޓާއި ގުޅުންހުރި ދާއިރާގެ ޝައުގުވެރިކަން އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ސައީދު ވިދާޅުވި އެވެ.

މީގެއިތުރަށް، ޔޫކޭގައި ދިވެހި ކަޑުމަހަށް އޮންނަ ޑިމާންޑްވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ސައީދު ފާހަގަކުރެއްވި އެވެ.

މިފޯރަމްގައި ވެސްޓް-ލަންޑަންޗެމްބާ އޮފްކޮމާސް އާއި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކުރެވުނުކަން ފާހަގަކުރައްވަމުން ސައީދު ވަނީ އެ އެއްބަސްވުމުގެ މަޤްޞަދަކީ މިފަދަ މަސައްކަތްތައް އިނގިރޭސިވިލާތުގައި ފުޅާދާއިރާއެއްގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދިއުން ކަމަށް ވިދާޅުވެފަ އެވެ.