Last Updated: July 19, 11:46
Saturday, July 19, 2025
ޚަބަރު

ކުޑަހުވަދޫގައި އަޅާ އެޕާޓްމަންޓް މަޝްރޫގެ ބިންގާ އަޅައިފި

ކުޑަހުވަދޫ ކައުންސިލާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުންޏާ ގުޅިގެން ކުޑަހުވަދޫގައި ތަރައްޤީކުރާ 160 އެޕާޓްމަންޓުގެ ތެރެއިން 80 އެޕާޓްމަންޓް ހިމެނޭ ފުރަތަމަ ޓަވަރުގެ ބިންގާ އަޅައިފި އެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މިއީ މާލެ ފިޔަވައި ޕްރައިވެޓް ސެކްޓާ އިން އަތޮޅުތެރޭ މިފަދަ ހައުސިން މަޝްރޫއެއް ކުރިއަށްގެންދާ ފުރަތަމަ ޕްރޮޖެކުޓެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި އެކި ފަންތީގެ ފަރާތްތަކަށް ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫތައް ހިންގަމުން ކަމަށާއި ކޮންމެ ރަށެއްގެ ބަޔަކުވެސް މަސައްކަތް ކުރަންވާނީ ފުއްދުންތެރި ބަޔަކަށް ވުމަށް ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެގޮތުން ކުޑަހުވަދޫއަކީ އޭގެ މިސާލެއް ކަމަށް ވިދާޅުވި އެވެ.

އާރްސީސީން ކުޑަހުވަދޫގައި 160 އެޕާޓުމަންޓު ތަރައްޤީކުރަން ހަމެޖެހިފައިވަނީ ދެ ޓަވަރަކަށެވެ. އެގޮތުން އަމަލީ މަސައްކަތް ފެށިގެން ދިޔައީ "މާވޭރު" ނަމުގައި ތަރައްޤީކުރާ ޓަވަރު އޭގެ 80 އެޕާޓްމަންޓެވެ. މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރިއާ 3 ފާޚާނާ ހުރެ އެވެ. މިއިން ކޮންމެ އެޕާޓްމަންޓެއްގައި 1200 އަކަފޫޓު ހުންނާނެ އެވެ.

އާރުސީސީން މިހާރު ވަނީ އެޕާޓްމަންޓްތައް ގަންނަން ހުޅުވާލާފަ އެވެ.