ބަޢާވާތް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ގައުމުން ފިއްލަވައިގެން ވަޑައިގެންފާނެތީ އޭނަގެ ގެ ރެއިޑްކޮށް، ފައިގައި ޓެގް އަޅުވަން ކޯޓް އަމުރެއް ނެރެފި އެވެ.
ކޯޓް އަމުރާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ގެ ރެއިޑްކޮށް، ބޮލްސޮނާރޯގެ ހަރަކާތްތައް ވެސް މޮނިޓަ ކުރަން ފަށައިފަ އެވެ. ކޯޓުން ވަނީ ބޮލްސޮނާރޯ ސޯޝަލް މީޑިއާ ބޭނުން ކުރެއްވުމާއި ދަރިކަލުން އެޑްއާޑޯ ބޮލްސޮނާރޯއާ މުއާމަލާތް ކުރެއްވުން ވެސް މަނާކުރައްވައިފަ އެވެ.
ދަރިކަލުން ގެންދަވަނީ ބައްޕަ ގައުމު ދޫކުރައްވައި ވަޑައިގަންނެވޭ ގޮތެއް ހޯދައި ދިނުމަށް ސިޔާސީ އެކި ފަރާތްތަކަށް ލޮބީ ކުރަމުންމެވެ. އޭގެ ތެރޭގައި އެމެރިކާގެ އޮފިޝަލުންނާއި ބޭރުގެ ބައެެއް ޑިޕްލޮމެޓުންގެ އިތުރުން އެމްބަސީތައް ވެސް ހިމެނެ އެވެ.
ބްރެޒިލްގައި 2019-2022 އަށް ވެރިކަން ކުރެއްވި ބޮލްސޮނާރޯ، 70، ގެ މައްޗަށް އުފުލާފައި ވަނީ މިހާރުގެ ރައީސް ލޫލާ ޑި ސިލްވާ 2023 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އޭނަ ހުވާކުރެއްވުމަށް ހުރަސް އަޅުއްވައި ބަޢާވާތެއް ކުރަން އުޅުއްވުމުގެ ދައުވާ އެވެ.
ނަމަވެސް އެކަމަށް ބޮލްސޮނާރޯ އިންކާރު ކުރައްވަ އެވެ.
ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭނަ ވިދާޅުވީ ގައުމުން ފިއްލަވަން ނޫޅުއްވާ ކަމަށާއި އޭނައާ ދެކޮޅަށް ނެރުނު އަމުރަކީ "ލަދުވެތިކަމުގެ އިންތިހާ" ކަމަށެވެ.