Last Updated: July 20, 09:57
Sunday, July 20, 2025
މުނިފޫހިފިލުވުން

ޕްލާސްޓިކް ސާޖަރީ ހެދުމަކީ މައްސަލައެއް ނޫން

ރީތިވާން ޕްލާސްޓިކް ސާޖަރީ ހެދުމަކީ އެެއްވެސް މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި އަމިއްލަ އަށް ވެސް އެފަދަ ސާޖަރީތަކެއް ހަދާފައިވާ ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ހުޝީ ކަޕޫރް ބުނެފި އެވެ

ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ ހަގު ދަރިފުޅު، އީ-ޓައިމްސް އަށް ދިން އިންޓަވިއެއްގައި ބުނި އޭނަ ސާޖަރީތަކެއް ހެދި ވާހަކަ ގިނަ ބަޔަކު ދެއްކިޔަސް، އަޑުއަރާފައިވާ ގޮތަށް ސިފަ ރީތި ކުރަން 10-20 ސާޖަރީ ނަހަދާ ކަމަށް 25 އަހަރުގެ ބަތަލާ ބުންޏެވެ.

"ޕްލާސްޓިކް ސާޖަރީތަކެއް ހެދީމޭ ބުނާކަން އަހަރެން ލަދެއް ނުގަނޭ. އަދި އެ ވާހަކަ ދައްކަން ފަހެއް ވެސް ނުޖެހޭ،" 2023 ގެ ފިލްމު "ދި އާޗީސް" އިން ފިލްމޯ ދަތުރު ފަށައިގަތް ހުޝީ ބުންޏެވެ. "ޕްލާސްޓިކް ސާޖަރީ ހެދުމާއި ނެހެދުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް. އެއީ ދެން މާ ބޮޑުކޮށްލައިގެން އުޅޭ ވަރުގެ ކަމެއް ވެސް ނޫން."

ކުރިއަރަމުން އަންނަ އުންމީދީ ބަތަލާ މީހުން ކިޔާހާ އެެއްޗަކަށް ބަލައިގަނެއް ނޫޅެވޭނެ ކަމަށާއި އެ މީހަކު އުޅޭނެ ގޮތަކާއި ކުރަންވީ ކަންކަން އެނގޭނީ އެ މީހަކަށް ކަމަށެވެ.

"މީސްމީހުން އަބަދު ވެސް ފާޑުކިޔާނެ. ގޮތް ކިޔާނެ،" ބަތަލާ ޖާންވީ ކަޕޫރްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ބުންޏެވެ. "އެކަމަކުން ދުވަހަކު ސަލާމަތެއް ވެސް ނުވޭނެ. އެހެންވެ އެއީ އަސްލު އަހަރެން އެހާ ބޮޑަށް ވިސްނާ ކަމެއް ނޫން."

ހުޝީގެ ދެ ފިލްމެއް މި އަހަރު ރިލީޒްވެފައިވެ އެވެ. އެއީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާ އެކު ކުޅުނު "ލަވްޔާޕާ" އާއި ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން އިގީ) ތައާރަފުވި ފިލްމު "ނާދާނިޔާން"' އެވެ.