Last Updated: July 20, 09:57
Sunday, July 20, 2025
ޚަބަރު

ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށް ވުރެ ގިނަ

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށް ވޔރެ ގިނަ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ. އަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 2،280 އެއްހާ މީހުން އެބަތިބި ކަމަށެވެ.

"އެ އަދަދު މި ސަރުކާރުގެ ޑޮކިއުމަންޓްތަކުން ފެނިގެން މި ވާހަކަ މި ދައްކަނީ." އަމީރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓު އުނިކުރާނެ ސަރުކާރުން ކުރިން ބުނެފައިވާ އިރު، އެ މިންވަރު އުނިކުރި ނަމަވެސް 2030 ސިޔާސީ މުވައްޒަފުން މި ސަރުކާރުގައި ތިބޭނެ ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާ އުސޫލުން އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުއައްޒަފުންގެ އަދަދު ގުނާ ނަމަ، އެ އަދަދު 400 އަށް ވެސް ނާރާނެ ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީމި ސަރުކާރުގެ ބަޖެޓުތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްފައި ނެތް ކަމަށާއި އެއާ ހިލާފަށް މިދިޔަ ސަރުކާރުން އެ އަދަދުތައް ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނާފައި ހުންނާނެ ކަމަށެވެ. އަމީރު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެކަމުގެ ވައުދާ އެކީގަ އެވެ. ނަމަވެސް ވެރިކަމަށް އައި ފަހުން އެ އަދަދު ހާމަކުރަން ދެކޮޅު ހެދުމަށް ފަހު، ސިޔާސީ މުވައްޒަފުންގެ އަދަދަކީ 992 ކަމަށް ހާމަކުރީ މި މަހުގެ 15 ގަ އެވެެ.

ސިޔާސީ މަގާމުތަކުގައި ތިބި ކަމަށް ބުނާ އަދަދުތައް:

* މިނިސްޓަރުންގެ ގޮތުގައި 20 ބޭފުޅުން
* މިނިސްޓަރުންގެ ފެންވަރުގައި 14 ބޭފުޅުން
* ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
* ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
* ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
* ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
* ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
* ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
* ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
* ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
* އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
* އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން