Last Updated: July 20, 09:57
Sunday, July 20, 2025
މުނިފޫހިފިލުވުން

ޝާހްރުކަށް އަނިޔާވެ، ބްރޭކަކަށް

ދަރިފުޅު ސުހާނާއާ އެކު ޝާހްރުކް.

ފިލްމު "ކިންގް" ގެ ޝޫޓިންގެ ތެރޭގައި ޝާހްރުކް ޚާނަށް އަނިޔާވެގެން ފިލްމީ މަސައްކަތްތަކުން ބްރޭކަކަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 59 އަހަރުގެ އެކްޓަރަށް އަނިޔާވީ ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާގެ އެކްޝަން މަންޒަރުތަކެއް ނަގަން މުމްބާއީގެ ޓޮބޭކޯ ސްޓޫޑިއޯގައި ކުރިއަށް ގެންދިޔަ ޝޫޓިންއެއްގެ ތެރޭގައި ކަމަށެވެ. އެކަމަކާ ގުޅިގެން ލިބުނު އަނިޔާ އަށް ސާޖަރީއެއް ހަދަން އެމެރިކާ އަށް ގޮސްފައިވާ ކަމަށާއި ޑޮކްޓަރުން ލަފާ ދީފައި ވަނީ މަސް ދުވަހު އަރާމު ކުރަން ކަމަށް މީޑިއާތަކުން ބުންޏެވެ.

އެހެންވެ މި ވަގުތަށް ޝާހްރުކް ހިމަނައިގެން ޝޫޓްކުރަން ޖެހޭ "ކިންގް" ގެ ޝޫޓިންތައް ވަނީ މަޑުޖައްސާލައިފަ އެވެ. މީޑިއާތަކުން ބުނީ އޭނަ އަލުން ކްރޫއާ ގުޅޭނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ކަމަށެވެ.

ޝާހްރުކްގެ 2023 ގެ "ޕަތާން" ވެސް ގެނެސްދިން ސިދާތު ހަދާ "ކިންގް" ގެ ކާސްޓްގައި އޭނަގެ ދަރިފުޅު ސުހާނާ ޚާނާއި ދީޕިކާ ޕަދްކޯނާއި އަބީޝެކް ބައްޗަނާއި ރާނީ މުކަރްޖީ އާއި އަނިލް ކަޕޫރާއި އަރުޝަދު ވަރުސީ އާއި ސޯރަބް ޝުކްލާ އާއި ޖައިދީޕް އަހުލުވާތާއި ރާގަވް ޖުޔަލްގެ އިތުރުން އަބޭ ވަރުމާ ހިމެނެ އެވެ.

ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްރީ ލަންކާގައި ތަރައްގީކޮށްފައިވާ އިންޓަގްރޭޓެޑް ރިސޯޓް "ސިޓީ އޮފް ޑްރީމްސް" ހުޅުވަން އަންނަ މަހުގެ 2 ގައި ބާއްވާ ހަފުލާ އަށް ދާން ޝާހްރުކަށް ލިބުނު ދައުވަތު ވެސް ކެންސަލްކުރީ އަނިޔާއާ ގުޅިގެންނެވެ.