Last Updated: July 20, 09:57
Sunday, July 20, 2025
ޚަބަރު

އެންމެ ބޮޑު ހުރަހަކީ ވެލިދޫ ކައުންސިލް

މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ދާއިރާގެ ކުރިއެރުމަށް ކުރައްވަން ޖެހޭ މަސައްކަތްތައް ކުރަން މި ވަގުތު އޮތް އެންމެ ބޮޑު ހުރަކީ ވެލިދޫ ކައުންސިލް ކަމަށް އެ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ވެލިދޫ ކައުންސިލުން ކަންކަން ކުރަމުން އަންނަ ގޮތާ މެދު މީހަކު ސޯޝަލް މީޑިިއާގައި ފާޅުކުރި ކަންބޮޑުވުންތަކެއްގެ ސްކްރީންޝޮޓަކާ އެކު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އަށް ނިސްބަތްވާ މެންބަރު ވިދާޅުވީ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި މިހާތަނަށް ހޭދަބި އެއް އަހާރާ ދެ މަސް ދުވަހުގެ ތެރޭގައި ވެލިދޫގެ ތަރައްޤީ އާ ގުޅުން ހުރި އެއްވެސް ކަމަކު މިއަދާ ހަމައަށް ކައުންސިލުން އޭނައާ އެއްވެސް މަސްވަރާއެއް ވެސް ނުކުރާ ކަމަށެވެ.

އެހެންވެ އަމިއްލަ އަށް އެދިގެން ވެސް މަޝްވަރާގެ ފުރުސަތުތަކަށް އެދިވަޑައިގެންފައިވާނެ ކަމަށާއި މިހާތަނަށް އެފަދަ އެއްވެސް ކަމަކަށް އެ ކައުންސިލުން އިޖާބަ ދީފައި ނުވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

"ރަށު ތަރައްޤީގެ ކަންކަމުގައި މަސްވަރާ ކުރުމަށް ކައުންސިލް ރައީސްގެ އިތުރުން އެހެން ބައެއް ކައުންސިލަރުންގެ އަރިހުން އަޅުގަނޑު އިސްވެ ވާނީ އެދިފައި،" އޭނަ ވިދާޅުވި އެވެ. "ނަމަވެސް މިއަދާ ހަމައަށް މިކަމުގައި އެއްވެސް ކުރިއެރުމެއް އަލިމަގެއް ފެނިފައި ނުވާކަން ހިތާމައާ އެކު ދަންނަވަން."

އައްބާސް ވިދާޅުވީ ވެލިދޫގެ ތަރައްޤީ ގެ އެއްވެސް ކަމެއްގައި އޭނަ އަށް ކައުންސިލުން ނުގުޅި ނަމަވެސް ސްޕޮންސަ ހޯދުން ފަދަ ކަންކަމަށް ސިޓީ ފޮނުވައި ސްޕޮންސާ އަށް ދެވެނީ ކިހާވަރެއްތޯ އާއި ކޮންއިރަކުތޯ ސުވާލު ކުރަން ކައުންސިލުން ގުޅައި ވެސް ހަދާ ކަމަށެވެ.

"ވެލިދޫގެ ތަރައްޤީ އަށް އަޅުގަނޑު އަޑު އުފުލާފައި އެވަނީ އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކާ މަސްވަރާކޮށްފައި ވަނީ އަޅުގަނޑު ރަށަށް ދާ ކޮންމެ ފަހަރަކު ރަށުގެ ކަމުވޮށިގެންވާ ބޭފުޅުންގެ ލަފައާ މަސްވަރާގެ މަތިން އަދި އަޅުގަނޑުގެ ލޮލަށް ފެންނަ މަންޒަރުތަކަށް ބަލައިގެން،" އޭނަ ވިދާޅުވި އެވެ. "'ރަށުގެ ތަރައްޤީގެ ކަންކަމުގައި ބަސްބުނެ ބަސްކިޔާ އެހީތެރިކަން ފޯރުކޮށް ދިނުމަށް މި ވަގުތު އަޅުގަނޑަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެލިދޫ ކައުންސިލްކަން އަޅުގަނޑު ފާހަގަކުރަން."