Last Updated: July 20, 10:51
Sunday, July 20, 2025
ދުނިޔެ

ވަގު ބިޓާއެކު ފަޅާއެރި ސީއީއޯ ސަސްޕެންޑްކޮށްފި

މިއުޒިކް ޝޯއެއް ބަލަން ގޮސް ވަގު ބިޓްގެ ގައިގައި ބައްދާލައިގެން އުޅެނިކޮށް ސްކްރީނަށް އަރައި ބޭޒާރުވި އެމެރިކާގެ ކުންފުނި، އެސްޓްރޮނޯމާގެ ސީއީއޯ އެންޑީ ބައިރޯން ސަސްޕެންޑްކޮށްފި އެވެ.

ކުންފުނީގެ ބޯޑުން އެގޮތަށް ނިންމައި އެ ވާހަކަ އިއްޔެ އެކްސްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަދި ވަގުތީ ގޮތުން ސީއީއޯގެ ޒިންމާތައް ވަނީ ކުންފުނީގެ ބާނީންގެ ތެރޭގައި ހިމެނޭ ޗީފް ޕްރޮޑަކްޓް އޮފިސަރު ޕީޓް ޑި ޖޯއިއާ ހަވާލުކޮށްފަ އެވެ.

އެންޑީ ސިއްރުން ގެންގުޅުނު ލޯބިވެރިޔާ އަކީ އެސްޓްރޮނޮމާ ކުންފުނީގެ ޗީފް އެޗްއާރް އޮފިސަރު ކްރިސްޓިން ކެބޮޓެވެ.

އެ ދެ މީހުން ސިއްރު ގުޅުމެއް ހިންގާތާ އެތައް ދުވަހެއް ވެފައިވާ އިރު، އަންހެނުން މޭގަން ކްރީގަން އަށް އެންޑީ ބޭވަފާތެރިވިކަން ފަޅާއެރީ އެމެރިކާގެ މެސެޗޫސެސްގެ ޖިލެޓް ސްޓޭޑިއަމްގައި އިނގިރޭސި ބޭންޑް، ކޯލްޑްޕްލޭ އިން ބޭއްވި ޝޯއެއް ބަލަން ގޮސް ތިއްބަ އެވެ. އެގޮތުން ޝޯގެ މަންޒަރުތައް ފެންނަ ގޮތަށް ބަހައްޓާފައި ހުރި ބޮޑު ސްކްރީނުން އެންޑީ އާއި ކްރިސްޓީން ބައްދާލައިގެން ވަރަށް ހެވިފައި ތިބޭ މަންޒަރު ފެނިގެން ގޮސްފައިވެ އެވެ.

މި މަންޒަރާ އެކު ލިބުނު ކުއްލި ސިހުމާ އެކު، އެންޑީ 'ފިލަން' ތިރިވާ ތަނާއި ކްރިސްޓިން މޫނު ފޮރުވާ ތަން ވީޑިއޯ އިން ފެނެ އެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ވައިރަވަލްގެ އެތައް މިލިއަން ބަޔަކު ބަލާފައިވެ އެވެ. އަދި އެ ދެ މީހުންގެ ސިއްރު ގުޅުމާއި ބޭވަފާތެރިކަމުގެ ވާހަކަ ވަރަށް ގިނަ ބަޔަކު ދައްކައި، ފާޑު ވެސް ކިޔާފައިވެ އެވެ.