'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްގެން ދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު އެފްޑީސީއާ ޙިއްސާ ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް ބުންޏެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ ސީދާ އެފްޑީސީން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް އެ ކުންފުންޏަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ ކަމަށެވެ. އަދި ޕޯޓަލް އިން ނާންގާ ފަރާތްތަކަށް މިނިސްޓްރީން ނުވަތަ އެފްޑީސީން ނުގުޅާނެ ކަމަށެވެ.
"މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މި މިނިސްޓްރީން ނުވަތަ އެފްޑީސީން ނުގުޅާނެކަމާއި، އަދި އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މި ފުރުޞަތުގައި އިލްތިމާސްކުރަން." މިނިސްޓްރީން ބުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ މަސައްކަތް ކުރިއަ ށްދަނީ ޖުމްލަ 32 ޓަވަރަކަށް ބަހާލައިގެންނެވެ.
މި 4000 ފްލެޓް މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ފްލެޓްތަކުގެ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓަވަރުތަކަށް ބޭނުންވާ ޔޫޓިލިޓީ ޚިދުމަތްތައް ގުޅާލުމުގެ މަސައްކަތެވެ.