Last Updated: July 21, 10:24
Monday, July 21, 2025
ޚަބަރު

ފޭރުނު ބަޔަކު ހައްޔަރުކުރަން ދިއުމުން ފުލުހަކު ޒަހަމްކޮށްލައިފި

ފޭރުމުގެ މައްސަލައެއްގައި ތުހުމަތުވާ ބަޔަކު ރޭ ހައްޔަރުކުރަން ދިއުމުން، ފުލުހުންނާއި މަރާމާރީ ހިންގައި ފުލުސް އޮފިސަރަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހެންވޭރު ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ތަނަކަށް ވައްދައި އެކައުންޓުގައި ހުރި ފައިސާ (200ރ) ޓްރާންސްފާ ކުރުވި މައްސަލާގައި ރޭ 11:57 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެޓެންޑުވި އިރު، ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެގެއަށް ފުލުހުން ވަންނަން އުޅުމުން ފުލުހުންނާ ކުރިމތިލާ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެހެންކަމުން ބާރުގެ ބޭނުންކޮށް، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލޫޖައިން މުހައްމަދު (23އ) އާއި މާލެ، ހ. ކަނޑުފިނީގެ، މުހައްމަދު ޝަފީއު (55އ) އެވެ.

އެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ދެ މީހުންނަށް އަނިޔާވި ކަމަށާއި، އަދި ފުލުހަކަށް ވެސް އެކިވަރުގެ އަނިޔާވި ކަމަށާއި އެ ފުލުސް އޮފިސަރަށް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ދެ މީހުން ބަންދަށް ކޯޓުން 5 ދުވަސް ދީފައިވާއިރު ފޭރުނު މައްސަލައާ ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.