Last Updated: July 21, 10:31
Monday, July 21, 2025
ޚަބަރު

ބީއެމްއެލްގެ 40 ވަނަ ބްރާންޗް ދުވާފަރުގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން ރ. ދުވާފަރުގައި ބޭންކުގެ ބްރާންޗެއް ހުޅުވައި ޚިދުމަތް އިތުރަށް ފުޅާކޮށްފި އެވެ.

މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބު އަދި ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިންގ އޮފިސަރު ސަހާ ވަޙީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ދުވާފަރުގައި މިއަދު ހުޅުވުގެން ދިޔައީ ބޭންކުގެ 40 ވަނަ ބްރާންޗެވެ.

ބީއެމްއެލް އިން ބުނީ ދުވާފަރުގައި ހުޅުވި އައު ބްރާންޗުން "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ދެމުންދާނީ އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ.

މިއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިންގ ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިން ހައްލުތަކާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ ފުރަތަމަ ބްރާންޗް ހުޅުވީ 1982 ވަނަ އަހަރު މާލޭގައެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުންވެސް ބޭންކިން ޚިދުމަތް ލިބޭނެ ގޮތަށް ބޭންކުން ދަނީ ޚިދުމަތްތައް ފުޅާކުރަމުންނެވެ.