މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ.
ފުލުހުން ބުނީ އެ ދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެއް ކަމަށެވެ. އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ.
އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން އައިޝަތު ޝިޔާޒާއަށް 5 ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.