ބޮލީވުޑްގެ ކުރީގެ ބަަތަލާ ސަންގީތާ ބިޖްލާނީގެ ފާމްހައުސް އިން ވައްކަންކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެންމެ ފުރަތަމަ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އަދި މިހާރު ވެސް އޭނައާ ގާތް އެކުވެރިކަން އޮންނަ 65 އަހަރުގެ ބަތަލާގެ ޕޫނޭގެ މަވަލްގައި ހުންނަ ފާމްހައުސް އިން ވައްކަންކުރިކަން އެނގުނީ އިއްޔެ އެވެ.
މީޑިއާތަކުން ބުނީ ދުވަސްތަކެއް ފަހުން ސަންގީތާ އިއްޔެ ފާމްހައުސް އަށް ދިޔަ އިރު އެތަނުގެ މައިގަނޑު ގޭޓް ހަލާކުކޮށްލައިފައިވާ ކަމަށާއި ތަނުގެ ބައެެއް ކުޑަދޮރުތަކުގައި ޖަހާފައިވާ ދަގަނޑު ތޭރިތައް ވެސް ހުރީ ހަލާކުކޮށްފައިވާ ކަމަށެވެ. އަދި ވަދެ ބެލި އިރު، ފާމްހައުސް އިން ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ އިރު، ތަނުގައި ހުރި އެނދުތަކާއި ފްރިޖާއި ސީސީޓީ ވެސް ހަލާކުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ޓީވީއެއްގެ އިތުރުން ވެސް އަގުބޮޑު ތަކެތި ހިމެނެ އެވެ.
މި ހާދިސާ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ އިރު، ޕޫނޭގެ ޕޮލިސް ސުޕްރިންޓެންޑެންޓް ސަންދީޕް ސިންގް ވިދާޅުވީ ފާމްހައުސްގެ ވައްކަން ތަހުގީގު ކުރަމުންނެވެ.
ސަންގީތާގެ ކުރު ފިލްމީ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ތުރީދޭވް"، "ހާތިމް ތާއީ" އަދި "ޚޫން ކާ ކަރްޒް" ހިމެނެ އެވެ.
ސަންގީތާ އާއި ކުރީގެ ކްރިކެޓް ތަރި މުހައްމަދު އަރުހަރުއްދީން 1996 ގައި ކުރި ކައިވެނި 2010 ގައި ރޫޅާލާފައިވާ އިރު، އެ ކައިވެންޏަށް ދަރިޔަކު ލިބިފައެއް ނުވެ އެވެ.